އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ ޑޮލަރު ލިބުމުގެ ދަތި ކަމާއެކު، މިހާރުވެސް ގިނަ އަދަދެއްގެ ޒަރޫރީ މުދާ، ކޮލަމްބޯ ޕޯޓްގައި ތާށިވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ސްރީލަންކާގެ އެސެންޝަލް ފުޑް ކޮމޯޑިޓީޒް އިމްޕޯޓާޒް އެންޑް ޓްރޭޑާޒް އެސޯސިއޭޝަނުން ބުނި ގޮތުގައި، ޒަރޫރީ މުދާ ހުރި، 1700 އަށް ވުރެ ގިނަ ކޮންޓޭނަރު، ކޮލަމްބޯ ޕޯޓްގައި ތާށިވެފައި އެބަހުއްޓެވެ.

އެ ޔޫނިއަނުން ބުނީ، ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ރިޒާވުން، ކޮމާޝަލް ބޭންކުތަކަށް ދޫކުރަން ޖެހޭ ޑޮލަރު ދޫކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖީތު ނިވާދު ކަބުރާލް ވަނީ، ބަނދަރުގައި ހުރި ޒަރޫރީ ކާބޯތަކެތީގެ އައިޓަމްތައް ހުރި ކޮންޓޭނަރުތައް ބަނދަރުން ނެރުމަށް، މަރުކަޒީ ބޭންކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާގެ އެސެންޝަލް ފުޑް ކޮމޯޑިޓީޒް އިމްޕޯޓާޒް އެންޑް ޓްރޭޑާޒް އެސޯސިއޭޝަނުން ބުނީ މިއަދު ކުރިމަތިލާން ޖެހިފައި ވާ ހާލަތުގެ ސަބަބުން، ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައި ވާ ކަމަށެވެ.

ކަންމިހެން އޮތް އިރު، އަވަށްޓެރި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރު ވަނީ، ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސައާ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވާ، ސްރީލަންކާއަށް ކުރިމަތިލާންޖެހިފައި ވާ އިގުތިސޯދީ އަދި އެނޫންވެސް ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.