ކޮވިޑް-19ގެ ސާމްޕަލް ނަގާ ބައެއް ސެންޓަރުތަކާއި އަދި ވަގުތުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ ތާޖުއްދީން ސުކޫލްގައި ހިންގަމުންދިޔަ ސާންޕަލް ކަލެކްޝަން މިއަދުން ފެށިގެން ހިނގަމުން ދާނީ ސޯޝަލް ސެންޓަރުގައި ކުރިންވެސް ހިންގަމުން ދިޔަ ދުވަސްތަކުގައި އެ ގަޑިތަކުގައި ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމްގައި ހިންގަމުން ދިޔަ ސާންޕަލް ކަލެކްޝަން ސެންޓަރު މިއަދުން ފެށިގެން ބަންދުވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މީގެ އިރުރުން ހުޅުމާލެ ހޮސްޕިޓަލް ކައިރި ރުއްގަނޑުގައި މެންދުރު 02:00-06:00 އަށް ސާންޕަލް ނެގުން ކޮންމެ ދުވަހަކު ކުރިއަށް ދާނެ ކަމަށެވެ.

ސޯޝަލް ސެންޓަރުގައި ސާމްޕަލް ނަގާ ދުވަސްތަކާއި ވަގުތުތައް:

  • ހޮނިހިރުން ފެށިގެން ބުދައަށް: ހެނދުނު 9 - މެންދުރުފަހު 1 އަދި މެންދުރުފަހު 3 - އިރުއޮއްސި 6
  • ބުރާސްފަތި: ހެނދުނު 9 - މެންދުރުފަހު 12
  • ހުކުރު: މެންދުރުފަހު 3 - އިރުއޮއްސި 6

މިވަގުތު މާލޭން ކޮވިޑު ޖެހޭ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވެފައި ވާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ނިންމާފައި ވީ ނަމަވެސް މާސްކު ނާޅާ އުޅޭ މީހުން މަދެއް ނުވެއެވެ. ހަމައެއާއެކު މާލޭގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ. މި އެންގުންތައް މިހެން ހުރި ނަމަވެސް ބައެއް ފަރާތްތަކުން އެގޮތަކަށް އަމަލެއް ނުކުރެއެވެ.

އަދިވެސް ކޭސްތައް އިތުރު ވަމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ.