ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމާއި ރ.އުނގޫފާރު ބަނދަރު ރީލޮކޭޓް ކުރުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

އެ ދެ މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

މާކުރަތު ބަނދަރު ތަރައްގީކުރުމުގެ ދަށުން 45,023.84 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 140 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން 129 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް އެ މަޝްރޫއުގައި ހިމެނެއެވެ.

އެ މަޝްރޫއަކީ 26.67 މިލިއަން ރުފިޔާއަށް 350 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.

ރ. އުނގޫފާރު ނެރު ރީލޮކޭޓް ކުރުމުގެ މަޝްރޫއުގެ ދަށުން 41,980 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 18.58 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.