މިދިޔަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީން ބުނީ ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 1300 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ މާލޭގެ 6 ސެންޓަރެއްގައާއި އަތޮޅުތެރެއިން 33 ސެންޓަރެއްގައެވެ.

ކޮވިޑާއި ގުޅިގެން އިމްތިހާންތައް ބޭއްވުމުގައި ގޮންޖެހުންތައް ކުރިމަތިވި އިރު މިދިޔަ އަހަރު މޭ/ޖޫން ގައި ހެދި އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިމްތިހާނު ކުރިޔަށް ނުގެންދިއުމަށް ނިންމާ މެދުކަނޑާލާފައެވެ. މި އިމްތިހާނުގައި 5 ޕޭޕަރެއް ލީކުވިއިރު އޭގެތެރޭގައި ހިމެނެނީ ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރުތަކެކެވެ.

ޕޭޕަރުތައް ލީކުވުމާ ގުޅިގެން އެޑެކްސެލްއާ މަޝްވަރާކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް 2 ގޮތެއް ހުށަހަޅާފައެވެ. އެއް ގޮތަކީ ދަރިވަރުން ބޭނުންނަމަ އޭޕްރިލް/މެއި އިމްތިހާނުން ވަކިވެ އޮކްޓޯބަރު/ނޮވެމްބަރުގެ އިމްތިހާނަށް ބަދަލުވުމެވެ. ދެވަނަ ގޮތަކަށް ދަރިވަރުންނަށް ހުށައަޅާފައި ވަނީ ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައަޅާ ކިޔެވުން ނިންމާލުމެވެ.

އެފުރުސަތުގައި 14 ސްކޫލަކުން 74 ދަރިވަރަކު ޓީޗާ ބޭސްޑު އެސެސްމަންޓެއް ހަދާފައިވާއިރު 2،700 އެއްހާ ކުދިން އެޑެކްސެލް އިމްތިހާނު ހަދަން ނިންމިއެވެ.