ބޭރު ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ހަނގުރާމަވެރިން އެނބުރި އަންނަ ހާލަތުގައި، އެ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތްތަކާ ބެހޭ ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ.

އިއްޔެ ގެޒެޓުކުރި އެ ގަވައިދުގައިވާ ގޮތުން، ބޭރު ގައުމެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު، ނުވަތަ ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދިއުމަށްފަހު، އެނބުރި އަންނަ ހަނގުރާމަވެރިންނާއެކު އަންނަ މީހުންނަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުން ކަމަށް ބަލައި، އެ މީހުން މުޖުތަމައަށް އަލުން ނެރުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އިދާރީ މަރުކަޒެއްގައި ބަންދުކުރަން ހޯމް މިނިސްޓްރީއަށް ނިންމިދާނެ ކަމަށެވެ.

އެ ގަވައިދުގައިވާ ގޮތުން، 15 އަހަރުން ދަށުގެ ކުޑަކުދިންވެސް މުޖުތަމައަށް ނެރުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، އިދާރީ މަރުކަޒެއްގައި ބަންދު ކުރެވިދާނެއެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށަށް އެކުދިން ގެންދެވޭނީ، ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އެސެސްމެންޓެއް ހެދުމަށް ފަހުގައި ކަމަށްވެސް އެ ގަވައިދުގައިވެއެވެ.

އެ ގަވައިދުގެ ދަށުން، މަރުކަޒުގައި މީހަކު ބަންދުކުރަން ޖެހިއްޖެ ނަމަ، އެ ކަން ކަނޑައަޅަންވާނީ ހޯމް މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށެވެ. އަދި އެ އަމުރު ބަދަލު ކުރެވެންދެން ނުވަތަ ބާތިލް ކުރެވެންދެން އޮންނާނެ ކަމަށްވެސް އެ ގަވައިދުގައި ބުންޏެވެ.

ހަމަ އެއާއެކު، މަރުކަޒުގައި ބަންދުކޮށްފައި ހުރި ނަމަވެސް، ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުން ފަދަ ކަންކަން ވަނީ ލާޒިމްކޮށްފައެވެ. އޭގެ ތެރޭގައި ސިއްހީ ފަރުވާ ހޯދުމާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އެ މީހުންނަށް ދިނުން ހިމެނެއެވެ.

މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަހު، ފުލުހުން އެ މީހުންނާ ގުޅޭ އިންޓެލިޖެންސް ޑީބްރީފިން އެއް ހަދަން އޮތީ ލާޒިމްކޮށްފައެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ފަރުވާގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމުން، އެ މީހުންނަކީ މުޖުތަމައަށް އަނބުރާ ރުޖޫއަކުރުމަށް ތައްޔާރުވެފައިވާ މީހުންތޯ ބެލުމަށް ހަދަންޖެހޭ އެސެސްމެންޓް ހަދަންޖެހޭނެއެވެ. އެއަށްފަހު އެ މީހުންނަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ މީހުން ކަމަށް ވާނަމަ، އެމީހުން ދޫކުރަން މިނިސްޓްރީން ކަނޑައަޅަންޖެހޭނެ ކަމަށްވެސް އެ ގަވައިދުގައިވެއެވެ.