2022 ވަނަ މީލާދީ އާ އަހަރަށް އަލިވިލުނު ފަހުން ޖެނުއަރީ 2 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް ސްރީލަންކާގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި 18 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ނިހާލް ތަލްދުވާ ވިދާޅުވެއްޖެއެވެ.

އެސްއެސްޕީ ނިހާލް ތަލްދުވާ ވިދާޅުވީ 8 މީހުންނަކީ ޖެނުއަރީ 1 ވަނަ ދުވަހު ހިނގި އެކްސިޑެންޓްތަކުގައި މަރުވި މީހުން ކަމަށާ، އަނެއް 10 މީހުންނަކީ މިދިޔަ އަހަރު ހިނގި އެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތަކެއް ލިބި، ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ދިޔަ މީހުން ކަމަށެވެ.

މި ފެށުނު މީލާދީ އާ އަހަރުގެ ފުރަތަމަ ދުވަހު އެކްސިޑެންޓްތަކުގައި މީހުން މަރުވި ސަރަހައްދުތަކުގެ ތެރޭގައި ވަވުނިޔާ، ނިގެމްބޯ އަދި ދުންގަލްޕިޓިޔާ ހިމެނޭ ކަމަށް އެސްއެސްޕީ ނިހާލް ތަލްދުވާ ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރުންވެސް ހިމެނޭ ކަން، ލަންކާ ފުލުހުންގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

އެސްއެސްޕީ ނިހާލް ތަލްދުވާ ވިދާޅުވީ މަގުމަތީގެ ހާދިސާތަކުގައި އެއް ދުވަހާ 18 މީހުންގެ ފުރާނަ ގެއްލި ދިއުމަކީ އަޅާ ނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން އެސްއެސްޕީ ނިހާލް ތަލްދުވާ ވިދާޅުވީ، މަރުގެ ހާދިސާތަކާ ގުޅިފައި ވާ އެކްސިޑެންޓްތައް ހިނގާފައި ވަނީ، އާދަޔާ ހިލާފު ބާރަށް ދުއްވުމާ، ފަރުވާ ކުޑަ ވުމުގެ އިތުރުން މަސްތުގެ ހާލަތުގައި ދުއްވުން ފަދަ އަމަލުތަކުގެ ސަބަބުން ކަމަށެވެ.