ފަލަސްތީނުގެ ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އަމާޒުތަކަކަށް ކަމަށް ބުނެ، ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން، ވައިގެ މަގުން ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ، ގައްޒާއަށް ހަމަލާތަކެއް އަމާޒު ކޮށްފައި ވާ ކަމަށް އިއުތިރާފުވެފައެވެ. އިޒްރޭލު އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ހަމަލާތަކަކީ، ގައްޒާއިން ފޮނުވާލި ރޮކެޓް ހަމަލާތަކެއް، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް ވެއްޓުމާ ގުޅިގެން، ރައްދުގައި ދިން ހަމަލާތަކެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އިޒްރޭލުގެ ހަމަލާ އަމާޒު ކޮށްފައި ވަނީ ހަމާސް އިން ރޮކެޓް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާ ފެސިލިޓީއެއްގެ އިތުރުން ހަމާސް ޖަމާއަތުގެ އަސްކަރީ ޕޯސްޓަކަށެވެ.

ކަން މިހެން އޮތް އިރު، ހަމާސްގެ ތަރުޖަމާނު، ހާޒިމް ގައްސާމް ވަނީ، އިޒްރޭލުގެ ހަމަލާތައް އަމާޒު ކުރި ސަރަހައްދުތަކުގެ ތެރޭގައި ދަނޑުބިންތައް ހިމެނޭ ކަމަށް ބުނެފައެވެ. މި މޭރުމުން ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދައްކަމުން ގައްސާމް ވަނީ، ގައްޒާގެ ރައްޔިތުންގެ މިނިވަންކަމުގެ ދިފާއުގައި ހިންގާ ހަރަކާތްތަކަށް ނިމުމެއް ނުގެނެސް، އެކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. އަދި އަމާޒަށް ވާސިލުވެވެންދެން އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މީލާދީ އާ އަހަރުގެ ފެށުމާއެކުގައި ހެން އިޒްރޭލާއި ގައްޒާއާ ދެމެދު ބަދަލު ކުރަމުން ދާ ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވީ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މެއި 2021 ގައި އިޒްރޭލާއި ގައްޒާއާ ދެމެދު ކުރި 11 ދުވަހުގެ ހަނގުރާމައަށްފަހު، ސެޕްޓެމްބަރު 2021 ގައި ދިން އެންމެ ހަމަލާއެއް މެނުވީ މި ފަހުން، އިޒްރޭލާއި ގައްޒާއާ ދެމެދު ހަމަލާ ބަދަލު ކޮށްފައެއް ނުވެއެވެ.