އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ ޑޮލަރުގެ ދަތިކަމާ، ޒަރޫރީ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސަމާނު އެތެރުކުމަށް އޮތް ހުރަސްތައް ގިރާ ކުރުމަށްޓަކާ، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާއިން، 1 ބިލިއަން ޑޮލަރުގެ ލޯނެއް ދޫކުރުމަށް ހަމަޖެހިފައި ވާ ކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ސްރީލަންކާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އިންޑިއާއިން ލޯނު ދޫކުރާނީ ނަގުދު ފައިސާގެ ބަދަލުގައި، އިންޑިއާއިން މުދާ އެތެރެ ކުރެވޭ ފަދަ އުސޫލަކުންނެވެ.

ޑޮލަރުގެ ދަތިކަމުގެ އިތުރުން، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާލު އެތެރެ ކުރުމަށް ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ފޯރުކޮށްދޭ 1 ބލިއަން ޑޮލަރުގެ ލޯނުގެ އިތުރުންވެސް ލޯނުތަކެއް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ހަކަތަ ގަތުމަށް 500 މިލިއަން ޑޮލަރު އަދި ފައިސާ ގަނެވިއްކުމަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށްވެސް ހަމަޖެހިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާއިން ސްރީލަންކާއަށް މި ފޯރުކޮށްދޭ ލޯނުތަކަކީ، ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަ ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުގައި، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ ލޯނުތަކެއް ކަމަށް ސްރީލަންކާގެ މީޑިއާއިން ބުނެއެވެ.

ދާދި ފަހުން ޗައިނާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ލަންކާއަށް ދީފައެވެ. އަދި އަހަރުން އަހަރަށް ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް، ގަތަރުންވެސް 500 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހިފައި ވާކަމަށް ސްރީލަންކާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ، އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.