ތ. ދިޔަމިގިލީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ތ. ދިޔަމިގިލީގައި މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފައި ވަނީ އެކަމަށް ހާއްސަ ކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އަމޭން ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ ޑިރެކްޓަރު މުރުޝިދާ އަލިމަނިކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކެޓްރީ އަބްދުލް އަޒީޒް އިސްމާއިލްއެވެ.

365 ދުވަސްތެރޭގައި އިމާރާތް ކުރާ ގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ދިވެހި ދައުލަތުން 8.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އެ މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފާ ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާހާނާ، ވުޟޫ ކުރާ ބައި ގުދަން އަދި މުންނާރެއް ވެސް ހުންނާނެއެވެ.