މިހާރު ރާއްޖޭގައި ސަރުކާރުގެ ދަށުން ހިންގާ މަޝްރޫއު ތަކުގެ ސްޕީޑަށް ބަލާނަމަ އަދި މިހާ ސްޕީޑް އަވަސްކޮށް މަޝްރޫއު ނިންމި ވެރިކަމެއް ދެކިވަޑައި ނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ޕިކްނިކް އައިލެން މާފުށީ ކައުންސިލާ ހަވާލުކުރުމަށް އިއްޔެ މާފުށި ޕިކްނިކް އައިލެންޑްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކަށް އަލިއަލުއްވާ ލައްވަމުން އަސްލަމް ވިދާޅުވީ، މިއީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ހަލުވިކަމާއެކު ނިންމާ ސަރުކާރެއް ކަމަށާއި އަދި އެފަދައިން އަވަސް ސްޕީޑުގައި މަސައްކަތް ނިންމާލެވިފައިވާ އެހެން ދުވަސްވަރެއް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އުމްރާނީ ތަރައްގީގެ 373 މަޝްރޫއުގެ މަސައްކަތް އެކި ފަންތީގައި ކުރިއަށްދާ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު 1.86 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި ޓެންޑާ ކުރުމުގެ މަރުހަލާއަށް ދާން ޖެހޭ އިތުރު މަޝްރޫއުތައް ހުރި ކަމަށާއި އެ މާޝްރޫއުތަކަށް 16.21 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 5 އަހަރުގެ ދައުރު ނިންމާލާ އިރު ޖުމްލަ 18 ބިލިއަން ރުފިޔާގެ އުމްރާނީ ތަރައްގީގެ މަޝްރޫތައް ނިންމާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރާއްޖޭގެ މަޝްރޫއުތައް ހިންގާފައި ހުރި ސްޕީޑްތައް އަޅުގަނޑު ދެކެފިން. މިއަދު އަޅުގަނޑުމެން މި ހިންގާ ސްޕީޑުގައި މި ހިނގާ ގިނަ މިނުގައި މަޝްރޫއު ހިންގި ދުވަސްވަރެއް އަޅުގަނޑުގެ ހަޔާތުގައި ނުދެކެން"
މުހައްމަދު އަސްލަމް

މި ސަރުކާރުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އިތުރު ތަފްސީލް އަސްލަމް ހާމަ ކުރެއްވިއެވެ. ބަނދަރު ހެދުމުގެ މަޝްރޫއަށް ބަލާލާއިރު، 60 މަޝްރޫއެއްގެ ކޮންޓްރެކްޓް ނިންމައި މިހާރު އެކި މަރުހަލާތަކުގައި އެ މަޝްރޫތައް އޮތް ކަަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން 25 ރަށެއްގެ ބަނދަރު ހަދައި ނިންމައިފި ކަމަށާއި، 37 ރަށެއްގެ ބަނދަރު ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށާއި، މޮބައިލައިޒް ނުކޮށް 13 ރަށެއްގެ ބަނދަރު އަދި ޓެންޑާ މަރުހަލާގައި 8 ރަށެއްގެ ބަނދަރު އެބައޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބިން ހިއްކުމަށް ބަލާއިރު 4 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް އެކީ ނިމިފައިވާ ކަމަށާއި 5 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ އިރު، 7 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށާއި އެގޭތެރެއިން 2 ރަށެއްގެ ބިން ހިއްކުން ޓެންޑާ ނުކޮށް އަދި އޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. ހަމައެއާއެކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން، 4 ރަށެއްގެ މަސައްކަތް ނިމިފައިވާ އިރު، 11 ރަށެއްގެ މަސައްކަތް މޮބިލައިޒް ކޮށްގެން ކުރިއަށް ދާ ކަމަށާއި 11 ރަށެއްގައި މޮބިލައިޒް ކުރެވި ކޮންޓްރެކްޓަގައި ސޮއިކުރަން ތައްޔާރު ވެފައި ވަނީ 2 ރަށެއްގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ތާރު އަޅައިގެން މަގުހެދުމުގެ މަޝްރޫގެ 5 ރަށެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި 12 ރަށެއްގައި މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި 9 ރަށެއްގައި މޮބިލައިޒް ވާން ތައްޔާރުވެފައި އޮތް އިރު އެއް ރަށެއް އޮތީ ޓެންޑާ ސްޓޭޖްގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. ފެނުގެ ނިޒާމް ގާއިމް ކުރާ ރަށްރަށަށް ބަލާއިރު 64 ރަށެއްގައި މަސައްކަތް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓް އެޅުމުގެ މަޝްރޫއަށް އަލިއަލުއްވާލަމުން އަސްލަމް ވިދާޅުވީ، މި ސަރުކާރުން އެއް އެއާޕޯޓް އަޅާ ނިންމާފައިވާ ކަމަށާއި ދެވަނަ އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އިތުރު އެއާޕޯޓް އެޅުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.