ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާފުށީ ޖަލުގެ މެނޭޖްމަންޓާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހް ކ. މާފުށި ޖަލަށް ޒިޔާރަތް ކުރައްވާފައި ވަނީ އެމަނިކުފާނު ކ. މާފުއްޓަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ސޯލިހްގެ އަރިހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މާފުށި މެނޭޖްމަންޓާއި އެތަނުގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވިއެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ކ. މާފުށްޓަށް އަލަަށް އިތުރު ކުރި ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ސަރުކާރުން މާފުށީގައި ގާއިމުކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާފުށީ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.