ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު އަދި ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ހުޅުމާލޭގައި ޝޯ ދިނުމަށް ހަމަޖައްސައިފިއެވެ.

"މަރުހަބާވީސް"ގެ ނަމުގައި ބާއްވާ މި ނިއު އިޔާ ޝޯ އިންތިޒާމް ކުރަނީ ޔޫތު މިނިސްޓްރީންނެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ އާ އަހަރު ފެށުން ފާހަގަ ކުރުމަށް މިއުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންކިތު ހުށައެޅުން ތަކާއެކު މި ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދުވާ ޓްރެކް ސަރަހައްދުގައެވެ. ޝޯ ފަށާނީ ރޭގަނޑު 8:30 ގައެވެ. މި ޝޯގައި ދިވެހި ބައެއް އާޓިސްޓުންގެ ހުށަހެޅުންތައް ވެސް އޮންނާނެއެވެ.

މި ޝޯއަކީ ޓޫރިޒަމް މިނިސްޓްރީ، ފެނަކަ، އެމްޓީސީސީ، އެމްޕީއެލް، އުރީދޫ، ދިރާގު، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، އެސްޓީއޯ އަދި މޯލްޑިވިއަންއާ ގުޅިގެން ކުރިއަށް ގެންދާ ޝޯއެކެވެ.

ހިންދީ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަންކިތު އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރުވި 2013 ގައި ނިކުތް ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "އާޝިގީ 2" ގެ ބައެއް ލަވަތައް ކޮމްޕޯޒް ކޮށް އަދި ކިޔައިގެން ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަކިޔުންތެރިއެކެވެ.

އެ ފިލްމުގެ "ސުން ރަހާ ހޭ" އަކީ އޭނާގެ އެންމެ މަޝްހޫރުވި ލަވައެވެ. އޭނާ މިއުޒިކް ޑައިރެކްޓު ކޮށް، އަމިއްލަ އަޑުން ކިޔާފައިވާ އެ ލަވައިން ފުރަތަމަ ފަހަރަށް އޭނާ އަށް، ބޮލީވުޑްގެ އެންމެ ގްރޭންޑް އެވޯޑު ކަމަށް ވާ ފިލްމުފެއާގައި ބެސްޓް މިއުޒިކް ޑައިރެކްޓަރުގެ އެވޯޑު ލިބުނެވެ.

އޭގެ ފަހުން 2014 ގައި ނެރުނު ބޮލީވުޑްގެ ފިލްމު "އޭކް ވިލަން" ގެ ލަވަ "ގަލިޔާ" ކިޔައިގެން ބެސްޓް ޕްލޭ ބެކް ސިންގާގެ ފިލްމުފެއާ އެވޯޑު އޭނާ އަށް ލިބުނެވެ. އަދި މިދިޔަ ހަތް އަހަރު ތެރޭގައި ފިލްމުފެއާގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރުޖިތު ސިންގު ވައްޓާލާއި މި އެވޯޑު ކާމިޔާބު ކުރެވުނު ހަމައެކަނި ލަވަކިޔުންތެރިޔާ އަކީ ވެސް އޭނާއެވެ.