މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ޓާގެޓް ކުރި އަދަދު 1.3 މިލިއަން ފަތުރުވެރިން ހަމަވެއްޖެއެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 1.3 މިލިއަން ފަތުރުވެރިޔާ އަކީ ރޮމޭނިޔާ މީހެކެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި އެނާ އަށް މަރުހަބާ ކިޔީ ޓޫރުޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.

ފަތުރުވެރި ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި އަހަރުގެ އުންމީދަކީ އެއް މިލިއަން ނފަތުރުވެރިން ހަމަކުރުން ކަމަށް ބުނެފައި އޮތް ނަމަވެސް އެ އަދަދު ވަނީ މިދިޔަ ނޮވެމްބަރު މަހު ކުރީ ކޮޅު ހަމަވެފައެވެ. އެހެންކަމުން ދެން އުންމީދަކީ މިއަހަރު 1.3 ފަތުރުވެރިން ރާއްޖެ އައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ބުނެފަިއ ވަނީ މިއަދު 1.3 މިލިއަން ފަތުރުވެރިން ކަމަށް ބުނެފައިވާ ޓާގެޓް ހަމަވާނެ ކަމަށެވެ. މިއަހަރު ނިމުމަށް ހަތަރު ދުވަސް އަދި ބާކީ އޮއްވާ އެ ޓާގެޓް މި ވަނީ މުގުރާލާފައެވެ.

މިއަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އިއްޔެ ރާއްޖެއަށް 7،098 ފަތުރުވެރިން އައިސްފައިވާ އިރު އެއީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ދުވަހެވެ. މީގެ އިތުރުން ވެސް މި މަހުގެ ތެރޭގައި 3 ދުވަހެއްގައި ވަނީ 6000 ވުރެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އައިސްފައެވެ. އެގޮތުން މިމަހުގެ ފަސްވަނަ ދުވަހު 6،296 ފަތުރުވެރިން އައި އިރު، 18 ވަނަ ދުވަހު 6،955 ފަތުރުވެރިން، އަދި 19 ވަނަ ދުވަހު 6،715 ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ