ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުވުމުން، އެކަމުގެ ޒިންމާ ސިވިލް ސާވަންޓުންނެކޭ އެއްވަރަކަށް އެ އޮފީހެއްގެ ސިޔާސީ ވެރިންވެސް ނަގަން ޖެހޭނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ރައީސް އޮފީހާއި، ޕަބްލިކް ސާވިސް ޓްރޭނިން ޔުނިޓާއި، ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓް ގުޅިގެން ހިންގާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އެހީތެރިކަން ދެނީ ސިވިލް ސާވަންޓުން ކަމަށް ވާއިރު، އެމީހުންނާ ގުޅިގެން މަސައްކަތް ކުރަން ތިބޭނީ ސިޔާސީ މުވައްޒަފުން ކަމަށެެވެ.

އެއާއެކު ރައީސް ވަނީ، ސިވިލް ސާވަންޓުންގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ސަރުކާރުގެ ވައުދުތައް ފުއްދައި ދިނުމަށް މަސައްކަތް ކުރުމަށް ސިޔާސީ އިސްވެރިންނަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުވުމުން "އެ ފޭލް ވަނީ އެ އޮފީހުގެ ސިވިލް ސާވިސް މުވައްޒަފުން ނޫން" ކަމަށާއި، "އެ ފޭލް ވަނީ މުޅި އޮފީސް" ކަމަށެވެ. ސަބަބަކީ، އިދާރާތައް ހިންގަނީ ދެ ފަރާތުންވެސް ގުޅިގެން ކަމަށް ވާތީ ކަމުގައި ރައީސް ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ހަމަ އެހެންމެ، އާންމުންނަށް ހިދުމަތް ކުރާއިރު، ވެރިކަން ކުރާ ޕާޓީ އަކީ ކޮން ޕާޓީއެއް ކަމާއި، ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ ސިވިލް ސާވަންޓުންގެ ދައުރެއް ނޫން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ

"ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެން، ވަކި މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް އެ އިރަކު އުފެދިފައި އޮންނަ ސަރުކާރަކަށް، ސިވިލް ސާވިސްގެ މުހިންމުކަން ބޮޑުވަނީ ވެސް އެ ސަބަބަށްޓަކައި" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެންމެ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހަކީ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ހެޔޮ ހިތުން ބަލައިގަންނަ ހިދުމަތްތަކަށް ވެގެންދާ ދުވަހެއް ކަމަށެވެ.