ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއަން އެގްޒިމް ބެންކުގެ ފަރާތުން ޝޯޓްލިސްޓް ކޮށްފައިވާ ފަރާތްތަކަށް މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 25 ވަނަ ދުވަސް ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ މެދުތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެވޭނެ ކަމަށާއި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރެވިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްތްރީން ބުނެއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދަމުންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސޯދީ މައި ހަބެއް ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ.
އެގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތު ރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެއް ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަމާއި މި ނޫން ވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގްތިސޯދު ފުޅާކުރުމަށް މި މަޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.