އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން ދާ މައްސަލަތަކުގެ ނަތީޖާ ނެރެމުންދާ މިންވަރު ދެނެގަތުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓްގައި ސްކޯޕް ބަދަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭސީސީން ބުނީ، އޮޑިޓް ހެދުމަށް އެ ކޮމިޝަނާއެކު އޮޑިޓު އޮފީހުން ބައްދަލުކޮށް މަޝްވަރާކޮށް އެއްބަސްވި ކަންކަމުގެ ތެރޭގައި އޮޑިޓް ހަދާ މުއްދަތު އޭރު ބުނެފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދުގެ މުއްދަތަށް ކަމަށެވެ. ނަމަވެސް އެ އޮޑިޓް ބަލާފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން ޖުލައި 31، 2020 އާ ދެމެދުގެ މުއްދަތަށެވެ.

އެގޮތުން އެ އޮޑިޓް ހަދާފައިވާ މުއްދަތުގެ ތެރެއިން 4 އަހަރާއި، 8 މަސްދުވަހަކީ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުގައި ތިބި މުއްދަތެއް ނޫން ކަމަށާއި، މި ދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައި ވަނީ 10 މަސް ދުވަސް ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން މިހާރު އެ ކޮމިޝަންގެ ހިނގަމުންދާ ދައުރުގެ މެންބަރުން އައްޔަން ކޮށްފައި ވަނީ ސެޕްޓެންބަރު 9، 2019 ގައެވެ.

އޮޑިޓް ރިޕޯޓްގައި ބައެއް ކަންކަން 2020 ގެ ނިޔަލަށް ބަލާފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު، ބަލާފައިވާ ބައެއް ކަންކަމަކީ ކޮބައި ކަމާއި، އޮޑިޓުގެ މެދު ތެރެއިން ސްކޯޕު ބަދަލު ކުރި ކުރުން ހިއްސާކޮށްފައި ނުވާ ކަމަށް އޭސީސީން ބުނެއެވެ. މި އޮޑިޓުގެ ހޯދުންތަށް ކޮމެންޓް ކުރުމަށް ލިބުނު ފުރުސަތުގައި ވާނީ އެކަން ފާހަގަކޮށްފައި ކަމަށް ވެސް އޭސީސީން ބުނެއެވެ.

އޮޑިޓް ރިޕޯޓުގައި ބަލާފައިވާ މުއްދަތުގެ ތެރެއިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން 2020 ގެ ޖުލައި މަހާ ދެމެދު 4 މަހެއްހާ ދުވަސް ވޭތުވެގެން ދިޔައީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ލޮކްޑައުން ކުރުމާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރި ދުވަސްވަރެއް ކަމަށް ވެސް އޭސީސީން ބުނެއެވެ. އެ ދުވަސްވަރު އެ ކޮމިޝަންގެ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑު ހުރަސްތަކެއް އެޅިފައި ކަމަށާއި އަދި ތަހުގީގު ކުރަމުން ދިޔަ މައްސަލަތައް ތަހުގީގު ނުކުރެވި މަޑުޖެހުނު ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން ސެޕްޓެމްބަރު 16، 2019 ގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަަ ތަހުގީގު ކުރުމަށް ޖޮއިންޓް އިންވެސްޓިގޭޝަނެއްގައި ސޮއިކުރުމާ އެކު އެ ކޮމިޝަންގެ 7 އިންވެސްޓިގޭޓަރެއް ވަނީ އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ހާއްސަކޮށްފައި ކަމަށް އޭސީސީން ބުނެއެވެ. އަދި މިކަން މިހެން ކުރުމުން އެ ކޮމިޝަނުން ކޮރަޕްޝަންގެ އެހެނިހެން ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ގޮން ޖެހުންތަކެއް ކުރިމަތިވި ކަމަށް ވެސް އޭސީސީން ބުނެއެވެ. ނަމަވެސް މި ކަންކަން އޮޑީޓް ރިޕޯޓުގައި ރިޔާއަތް ކޮށްފައި ނުވާ ކަން އޭސީސީން ފާހަގަ ކުރިއެވެ.

އޭސީސީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭސީސީގައި އެ މުއްދަތުގެ ތެރޭގައި ވަނީ 7,113 ޝަކުވާ ރަޖިސްޓާ ކޮށްފައެވެ. އޭގެ ތެރެއިން 5,476 މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ އިރު، ދައުވާކުރެވޭ މިންވަރަށް ފުރިހަމަ ކުރެވި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ރަޖިސްޓާ ކުރި މައްސަލަތަކުގެ ތެރެއިން 1 ޕަސެންޓް މައްސަލައެވެ. މީގެ ތެރެއިން 61 ޕަސެންޓް މައްސަލަ ނިންމީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކޭސްތަކެއްގެ ގޮތުގައެވެ.

އޭސީސީގެ މައްސަލަތައް ފުނިޖެހި، އެކަށީގެންވާ ސްޕީޑްގައި ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތުގައި އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށައި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ލިޔުމުން ޖަވާބުދާރީވެ ވަޑައިގަތުމަށް ފުރުސަތު ދީފައި ވަނީ މިއަދުގެ ނިޔަލަށެވެ. އަދި މިއަދު ވަނީ އެ ކޮމިޝަންގެ ތިން މެންބަރުން ވަކި ކުރުމަށް ކޮމިޓީން ފާސް ކޮށްފައެވެ.