ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ 13 ވަނަ ބުރީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ، ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:16 ހާއިރު ކަމަށެވެ. އަލިފާން ރޯވެފައި ވަނީ 9 ވަނަ ޓަވަރުގެ 13 ވަނަ ބުރީގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެއީ އެ ފަންގިފިލާގައި ހުންނަ 7 ވަނަ އެޕާޓްމަންޓްގެ ކުރިމަތީގައި ބަހައްޓާފައިވާ ކުނިތަކެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން އެ ތަނަށް ދިޔައިރު އަލިފާން ވަނީ ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހިޔާ ޓަވަރުތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާ އިރު، އެ ސަރަހައްދުގައި ކުނި ބަހައްޓާފައި ހުންނަ ގޮތުން ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާތައް ދިމާވަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. ބައެއް ފަހަރު ހިޔާ ފްލެޓްގެ އެންމެ ތިރީގައި ކުނި ބަހައްޓާ ސަރަހައްދުން އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި އެބަ ހުއްޓެވެ.