ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައިސް އޮފީހުން ބުނީ، އެމަނިކުފާނު ގައުމާ މުހާތަނު ކުރައްވާނީ، މާދަމާ ރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ. އެ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަ ކަމުން، ގައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އިނާމު އަރުވާ ގޮތަށް ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ވަނީ އަރުވާފައެވެ. އެހެންކަމުން މާދަމާ ރޭ ބާއްވާ ޖަލްސާގައި، އިނާމު އެރުވެނީ ދެން ތިއްބެވި 106 ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވާ ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުން ވެސް އޮންނާނެއެވެ.
މީގެއިތުރުން، މި މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށް ދެއްވި އިހްލާސްތެރި ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ހިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް އެ ޖަލްސާގައި ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ތިޔާ ހިންނަވަރޭ އަކީ އެއީ ގަމާރު ބީތާ އެކޭ އޭނާ ގާތު ބުނޭ ގައުމާއި މުޚާތަބު ކުރުމުގެ ބަދަލުގައި އޭނާ ރަށަށް ކަނޑާލަން މަސްކައްކަން ތެލިދޮންނަން ދޯ...