ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓްގެ މަސައްކަތް ނިންމައި، މިއަދު ހެނދުނު އެ އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓް ޖައްސައިފިއެވެ.

މަޑިވަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ.

ޗަންޕާ ކުންފުނީގެ ދަށުން ހިންގާ ކުރެއްދޫ ހޯލްޑިންސްގެ ފަރާތުން ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓްގެ މަސައްކަތް ނިންމާ މިއަދު ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ސަރުކާރުގެ އެކި އިސްފަރާތްތަކަށް މަރުހަބާ ދަންނަވާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު)އެވެ.

ޅ. މަޑިވަރު އެއާޕޯޓް

ކުރެއްދޫ ހޯލްޑިންގްސް އިން މި އެއަރޕޯޓްގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ. މި ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މަޑިވަރުގައި ތަރައްގީކޮށްފައިވަނީ 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. އެ މަޝްރޫއުގެ ދަށުން ޓާމިނަލާއި އެއާ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔާ ބިލްޑިންގެއް ހެދުން ހިމެނެ އެވެ. އެ އެއާޕޯޓުގެ ރަންވޭ އާއި ގިނަ އިމާރާތްތަކުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.