"އިންޑިއާ އައުޓް" މައްސަލަގައި ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ. މިރޭ ދިޔަރެސް ނޫހުން ގެނެސްދިން އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ޓީޝާޓުކޮޅުގެ މޭމަތީގައި "އިންޑިއާ އައުޓް" ޖަހާފައި އޮތް މަފްހޫމަކީ "އިންޑިއާ މިލިޓަރީ އައުޓް" ކަމަށެވެ.

އަދި އެވާހަކަ ދައްކަވަން ޖެހިވަޑައިގަތީ، އިންޑިއާގެ ރައްޔިތުންނާވެސް އަދި އިންޑިއާއާވެސް ރުޅިވެރިކަމެއް އޮވެގެން ނޫން ކަމަށާއި، އިންޑިއާގެ ފިލްމުތައް ކަމުދިޔަޔަސް، ލަވަތައް ރީތި ކަމަށް ވިޔަސް، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ތިބެން އެދިވަޑައިނުގަންނަވާތީ ކަމަށެވެ.

އިންޑިއާ އައުޓާ ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، ރައީސް ނަޝީދުވެސް ވިދާޅުވީ، އިންޑިއާ މިލިޓަރީ އައުޓު ކަމަށް ކަމަށާއި، "އިންޑިއާ އައުޓް" ނުކިޔޭނެ ކަމަށެވެ. އަދި ޕީޕީއެމްއާއި އެމަނިކުފާނުވެސް ވިދާޅުވަމުން ގެންދަވަނީ ހަމަ އެހެން ކަމަށް ވިދާޅުވަމުން ޔާމީނު ވިދާޅުވީ، ޓީޝާޓުގެ މޭމަތީގައި ބޮޑު މަޒުމޫނެއް ނޫނީ ސިޓީއެއް ނުލިޔެވޭނެތީ އޮތް، "އިންޑިއާ އައުޓް" ގެ މަފްހޫމަކީ ރާއްޖޭގައ ތިބި އިންޑިއާ މިލިޓާރީ ބޭރު ކުރަން ޖެހޭ ވާހަކަ ކަމަށެވެ.

މި މައްސަލަގައި ޔާމީން ވަނީ، އިދިކޮޅު އެހެން ލީޑަރުންނަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން، އިންޑިއާ ސިފައިން ތިބިކަން އެނގިވަޑައި ނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވި ވާހަކައަށާއި، ޝެއިހު އިމްރާނާއި ކާނަލް ނާޒިމާއި އަދި އަބްދުﷲ ޝާހިދާއި ސަރުކާރަށް ދައްކާފައި ހުރި ވާހަކައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިންޑިއާގެ ސިފައިން ތިބި އިރު އެވާހަކަ ދައްކަވަން ކެރިވަޑައިގަތް އެހެން ލީޑަރަކު ނެތް ކަމަށާއި، އެމަނިކުފާނު އެވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ކުރިން (އެމަނިކުފާނުގެ ވެރިކަމުގައި) "އިންޑިއާ އައުޓް" ވިދާޅުވާން ޖެހިވަޑައި ނުގަތީ، އޭރު މިހާރު އޮތް ހާލަތު ނެތުމުން ކަމަށެވެ. އެމަނިކުފާނު ވާހަކަ ދައްކަވާނީ އެވަގުތުގެ ހާލަތު އޮންނަ ގޮތަށް ބައްލަވައި މުނާސަބު ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" މައްސަލަގައި ރައީސް ޔާމީނު މަގުމައްޗަށް ނުކުމެވަޑައިގަތުމާއެކު، ސަރުކާރާއި ވެރިކަން ކުރާ ޕާޓީގެ ގިނަ ބަޔަކު ވަނީ އެކަމަކާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އަޑުއުފުލާފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ.