އިންޑިއާގެ ކޮޗިންންގައި ބޭސްފަރުވާއަށް ގޮސް ހުރި ދިވެހި އަންހެނަކު ގެވެށި އަނިޔާ ލިބިދާނެ ކަމުގެ ބިރުވެރިކަމެއްގައި ހުރި ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އޭނާ މީސްމީޑއިާގައި ކުރި ޕޯސްޓުތަކެއްގައި ހިއްސާ ކުރި މެސެޖަކުންނެވެ. އޭނާ ބުނީ، އޭނާގެ އެއްބަނޑު ބޭބެއެއްގެ ފަރާތުން މީގެ ކުރިން ގެވެށި އަނިޔާ ލިބިފައިވާ ކަމަށެވެ. އެމީހާއަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އަދި އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް އޭނާ ހާމަކޮށްފައި ވެއެވެ.

އެގޮތުން އެއްބަނޑު ބޭބެ ވަނީ ދަނގަނޑު ހޮޅި ބުރިއަކުން އޭނާގެ ގައިގާ މީގެ ކުރިން ތަޅާ އަނިޔާ ކޮށްފައި ކަމަށާއި އެ ދުވަހު އޭނާ ހޭނެތެން ދެން އެ ބޭބެ ތެޅި ކަމަށް އޭނާ ބުނެއެވެ. އަދި އެ މަންޒަރު ފެނުނު ކަމަށް އޭނާގެ މަންމަ ހެކި ވާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

މި ވަގުތު އޭނާ އެ މައްސަލަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ، ގޮތް ހުސްވެގެން ކަމަށާއި، މިވަގުތު އިންޑިއާގެ ކޮޗިން ގައި އެ އަންހެން މީހާ އޭނާގެ މަންމައާ އެކު ގޮސް އެ ހުރީ ކެންސަރު ބައްޔަށް އޭނާގެ މަންމަ އަށް ފަރުވާ ހޯދުމަށް ކަމަށް ބުނެއެވެ. އަދި އޭނާގެ އެއްބަނޑު އެ ބޭބެ އިންޑިއާއަށް މީގެ ހަތަރު ދުވަހެއް ކުރި ގޮސްފައިވާ ކަމަށާއި "އެއީ ނުރައްކާ މީހެއް" ކަމަށް އޭނާ ބުނެއެވެ.

މީގެ ކުރިން "މަރާލާނެ ކަމުގެ" އިންޒާރު ދީފައި އޭނާއަށް އަނިޔާ ކުރި ބޭބެ އަންނާތީ އެ ކަންބޮޑުވުން ރާއްޖޭގެ ފުލުހުންނަށް ހިއްސާ ކުރި ކަމަށް ވެސް އެ އަންހެން މީހާ ބުނެއެވެ. ނަމަވެސް ފުލުހުން އޭނާ ގާތު ބުނީ އެ މައްސަލަ ރިޕޯޓް ކުރުމަށް ރާއްޖެއަށް އައުމަށް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޑީފުން ބުނީ، މީސްމީޑިއާގައި ޖަހާ ޕޯސްޓްތަކުން ނުވަތަ މީސްމީޑިއާގައި އާންމު ކުރާ އެފަދަ ވާހަކަތައް އެ މުއައްސަސާއިން ބަލައި ނުހަދާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ރަސްމީކޮށް ހުށަހަޅައިފި ނަމަ އެ މުއައްސަސާ އިން ބަލާނެ ކަމަށާއި އަދި އެ ފަދަ މައްސަލަތައް ސިޓީއަކުން ހޯމް މިނިސްޓްރީއަށް ހުށަހަޅައިގެން ކުރިއަށް ގެންދެވި ދާނެ ކަމަށެވެ.

އެ ޕޯސްޓުތަކަށް ގިނަ ބަޔަކު އަންނަނީ ރިއެކްޓް ކޮށް ކޮމެންޓް ވެސް ކުރަމުންނެވެ. އެގޮތުން އިންޑިއާ ފުލުހުންގެ އެހީ ހޯދުމަށް ވެސް އެއްބަޔަކު އަންނަނީ ބުނަމުންނެވެ. ނޫނީ ދެން ފެނިގެން ދާނީ މަރުވެފައި އޮތް މީހެއްގެ މަސްގަނޑު ކަމަށް ވުމީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ގެވެށި އަނިޔާ އަކީ މިހާރު ވެސް އާންމުކޮށް ފެންނަމުން އަންނަ އިޖްތިމާއީ ބޮޑެ މައްސަލައެކެވެ. ގިނަ ފަހަރު މި ފަދަ މައްސަލަތައް މީހުން ރިޕޯޓް ނުކޮށް ތިބޭ ކަމީ މި ފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހާއަށް އިތުރަށް އަނިޔާވެ، މި ފަދަ ހާދިސާތަކުގައި ފުރާނައަށް ވެސް ގެއްލުންވާ ފަހަރު ދިމާވާ ކަމެވެ. މީގެ ކުރިން ވެސް ގެވެށި އަނިޔާގެ ޝިކާރައަށް ވެފައިވާ މީހުން އަނިޔާ ލިބި މަރުވެފައި ވެސް އެބަ ހުއްޓެވެ.