ކްރޮސް ސަބްސިޑީ މޮޑެލް ގެ ދަށުން ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީ ކުރާނެ ނުވަތަ ތަރައްގީކުރަން މާލީ އެހީވާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ، ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ، ބ. ތުޅާދޫ، ށ. ބިލަތްފަހި، ތ. ވިލިފުށި، ހދ. މަކުނުދޫ، ފ. މަގޫދު އާއި ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް ކަމަށެވެ. މީގެ ތެރެއިން ރ. އަތޮލު ދެކުނު ބިތުން ރަށެއް ކަމަށް ބުނެފައި ވާއިރު އަދި އެއީ ސީދާ ކޮން ރަށެއް ކަން ކަނޑައަޅާފައި ނުވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މި އިން ކޮންމެ ރަށެއްގައި އަޅާ އެއާޕޯޓަކީ ވަކި މަޝްރޫއެއް ކަމަށާއި އަދި އެ އެއާޕޯޓްތައް އެޅުމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ޖުމްލަ އަދަދު ޕްލޭނިން މިނިސްޓްރީން ވަނީ ހިއްސާ ކޮށްފައެވެ.

6 މަޝްރޫއަށް ހޭދަކުރެވޭނެ ކަމަށް އިއުލާން ކުރި އަންދާޒާ އަދަދު:

  • ބ. ތުޅާދޫ - 23،300،000 ޑޮލަރު
  • ށ. ބިލަތްފަހި - 23،600،000 ޑޮލަރު
  • ތ. ވިލިފުށި - 21،900،000 ޑޮލަރު
  • ހދ. މަކުނުދޫ - 33،300،00 ޑޮލަރު
  • ފ. މަގޫދު - 8،200،000 ޑޮލަރު
  • ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23،600،000 ޑޮލަރު

މިހާރު އިއުލާންކޮށްފައި އޮތް ގޮތުން އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް، ޕްލޭނިން މިނިސްޓްރީން ލަފާކޮށްފައި ވަނީ ތ. ވިލުފުށި އެއާޕޯޓަށެވެ. އެ ރަށުގައި އެއާޕޯޓް ހަދަން 33 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވެއެވެ.

މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާއިރު، ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަންވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށާއި ނުވަތަ މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހެޅިދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރި ކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެ ކަމަށ ްވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނުވަތަ އެ މިނިސްޓްރީގެ އީމެއިލަށެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކްރޮސް ސަބްސިޑީ މޮޑެލް ގެ ދަށުންނެވެ. އެއީ ރަށާއި ފަޅު ނުވަތަ ބިން ލިބޭ ގޮތަށް، ސަރުކާރުގެ މަޝްރޫއަކަށް ހޭދަކޮށް އެ މަޝްރޫއެއް ފުރިހަމަ ކުރުމެވެ. ސަރުކާރުން ކްރޮސް ސަބްސިޑީ ތަފްސީލުކޮށްދީފައި އޮންނަނީ 'ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅާފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅެވެ.'