ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއިލްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ގާޒީ އިބްރާހިމް ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދު އެ ކޮމިޥަން ގައި ބޭއްވި މި އަހަރުގެ 97 ވަނަ ޖަލްސާގައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ތަހްގީގު ކޮމިޓީއެއް އެކުލަވާލާފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ނަމަވެސް މި މައްސަލައާ ގުލޭ ގޮތުން އިތުރު ތަފްސީލެއް އަދި ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން އަންނަނީ މިފަދަ ގިނަ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން މި އަހަރު ތެރޭ ސެޕްޓެމްބަރު މަހު ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަަލައަކާއި ދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރަށްވެހިކަން ބަދަލުކުރައްވައި ނާޖާއިޒް ފައިދާއެއް ހޯއްދެވި މައްސަލައެއް ވަނީ ބަލާފައެވެ. ހަމައެއާއެކު މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ވަނީ ބަލަން ފަށާފައެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުންދާނެ ކަމަށެވެ.