ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ވަޒީފާގައި ތިބި 21 މުވައްޒަފަކު ވަކިކުރަން ދިން ނޯޓިސް ޖެންޑާ މިނިސްޓްރީން މިއަދު ބާތިލްކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ނޯޓިސްތައް ބާތިލް ކުރީ، ސިވިލް ސާވިސް ކޮމިޝަނުން، އެ ނޯޓިސްތައް ބާތިލް ކުރަން ޖެންޑާ މިނިސްޓްރީއަށް އެންގުމުންނެވެ. އެއާއެކު ޖެންޑާ މިނިސްޓްރީން ވަނީ، ނޯޓިސް ދިން 21 މުވައްޒަފުންނަށް، ނޯޓިސް ބާތިލް ކުރި ކަމަށް އަންގާ ސިޓީ ފޮނުވާފައެވެ.

ހިޔާގެ މުވައްޒަފުން ވަކިކުރަން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޖެންޑާ މިނިސްޓްރީން ނޯޓިސް ފޮނުވީ، ހިޔާގައި ތިބި ކުދިން ރަށްރަށުގައި ހުންނަ އަމާންވެށިތަކަށް ބަދަލު ކުރުމާއެކު ހިޔާ ހުސްވެގެން ކަމަށް ޖެންޑާއިން ކުރިން ބުނެފައިވެއެވެ.

ވިލިމާލޭގައި ހުންނަ ހިޔާއަކީ 43 މުވައްޒަފަކު މަސައްކަތް ކުރި ތަނެއް ނަމަވެސް އެމުވައްޒަފުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ އެކިއެކި ތަންތާނގައި މަސައްކަތް ކުރާއިރު 7 މުވައްޒަފަކު ވަކިވި ފަހުން ބާކީ ހިޔާގައި ތިބީ 21 މުވައްޒަފުންނެވެ.