ފަތުރުވެރިކަމުގެ ސީޒަނާ ދިމާވެ، މޯލްޑިވިއަންގެ ބައެއް ބޯޓުތައް މަރާމާތަށް ގްރައުންޑް ކޮށްފައި ވާތީ، މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ދެ ބޯޓު ގެންނަން ނިންމައިފިއެވެ.

މޯލްޑިވިއަންގެ ބައެއް ބޯޓުތައް މަރާމާތު ކުރުމަށް ގްރައުންޑު ކޮށްފައި އޮތުމުގެ ސަބަބުން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި އަމިއްލަ ބައެއް އެއާލައިންގެ ބޯޓުތައް ޗާޓަރުކުރަން ވަނީ ފަށާފައެވެ. އަދި އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ބޮޑުވުމުން، އިތުރު ބޯޓު ކުއްޔަށް ގެންނަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

https://www.instagram.com/p/CXlbsczsbTn/

މިވަގުތު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ ދެ ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ދަ ޕްރެސް" އަށް ވިދާޅުވީ، މީގެ ކުރިންވެސް މޯލްޑިވިއަންގެ ފްލައިޓްތައް މަރާމާތަށް ގްރައުންޑް ކުރާއިރު އިތުރު ބޯޓު ޗާޓަރު ކުރާ ކަމަށެވެ. އަދި މިހާރު މިއީ ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރު ކަމުން ޑިމާންޑު ބޮޑުވެ، އެ ޑިމާންޑުތަކާ އެއްވަރަށް ދަތުުރުތައް ބޭއްވެން އަންނަނީ ބޯޓުތައް ޗާޓަރު ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖެނިފާ ވިދާޅުވީ، ބޯޓުތައް ގެނައުމާ ގުޅޭ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

މޯލްޑިވިއަންގެ ބައެއް ފްލައިޓްތައް މަރާމާތުކުރަން ގްރައުންޑް ކޮށްފައި އޮތުމުގެ ސަބަބުން، ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. އެހެންވެ އެހެން އެއާލައިންތަކުގެ ބޯޓުތައް ޗާޓަރުކުރަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ވަނީ މަޖުބޫރުވެފައެވެ.