ހުޅުމާލޭ ފޭސް ދޭއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 34 މިލިއަން ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފިއެވެ.

އެގްޒިމް ބޭންކުން ވަނީ ހުޅުމާލެ ފޭސް 2 ގައި 4،000 ހައުސިން ޔުނިޓް އިމާރާތް ކުރަން ސެޕްޓެމްބަރު 23، 2021 ގައި 228 މިލިއަން ޑޮލަރު، ބަޔާޒް ކްރެޑިޓްގެ ގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު އެއްބަސްވުމަކަށް އައިސްފައި ވާ ކަމަށެވެ. މި ފައިސާގެ ތެރެއިން ދޫކުރި 34 މިލިއަން ޑޮލަރަކީ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދޫކުރި ފައިސާއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ފްލެޓްތަކުގެ މަސައްކަތް ކުރާނީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އިން ކަމަށެވެ. މިއީ ރިއަލް އެސްޓޭޓާއި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ތަޖުރިބާހުރި ކުންފުނިތަކެއް ކަމަށް ވެސް އެތަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ ފްލެޓްތައް އެޅުމަށް ބޭނުންވާ ސައިޓް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށާއި އިމާރާތްތަކުގެ އާކިޓެކްޗަރަލް ޑިޒައިންގެ ތަފްސީލީ ކުރެހުންތައް މިހާރުދަނީ ދިވެހި ސަރުކާރުގެ އިދާރާތަކާއިއެކު ފައިނަލައިޒް ކުރުން ކަމަށެވެ.

މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ ތިން ކޮޓަރި އާއި ތިން ފާހާނާގެ 2،800 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރި، ދެ ފާހާނާގެ 1،200 ޔުނިޓް އިމާރާތް ކުރާނެއެވެ.

ހައި ކޮމިޝަނުން ބުނީ އަތްފޯރާފަށުގައި ގޯތިގެދޮރު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ރައީސް ސޯލިހުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމެއް ކަމަށާއި ހުޅުމާލޭގައި ގޯތިގެދޮރުގެ ތަނަވަސްކަން އިތުރުވުމަކީ މަލޭގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ލިބޭނެ ފަހިކަމެއް ކަމަށެވެ.