މިދިޔަ އޮކްޓޯބަރުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި އަންހެން ނަރުހެއްގެ މަރުގެ މައްްސަލާގައި 24 އަހަރުގެ އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ޕޯސްޓްމޯޓަމްތަކުން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

މި މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، މޭރީގެ ފިރިމީހާ މާވިން އަށް ތުހުމަތުކޮށް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިއަދު ފުލުހުން ހައްޔަރުކުރި 24 އަހަރުގެ އަންހެން މީހާއަކީ މާވިން އާ ލޯބީގެ ގޮތުން ގުޅުން އޮންނަ ދިވެހި އަންހެން ނަރުހެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މޭރީ ގްރޭސް އަކީ ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ އީއާރްގައި ނަރުހެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.