ބްލެކްމެއިލް ކޮށްގެން މީހަކު އަތުން 2،000 ޑޮލަރު ފޭރުމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ މއ. ކްލޫވޭވް، އަހްމަދު ނަބީލް (27) އާއި ގ. ބެރުގެ އަލީ އީޝާދު (28އ) އެވެ.
މީހަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް، ފައިސާ ފޭރިގަތުމުގެ ތުހުމަތު އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވާއިރު އިއްޔެ ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ނަބީލު އެކައުންޓަށް، އަނިޔާވި މީހާގެ އެކައުންޓުން 2،000 ޑޮލަރު ޓްރާންސްފާ ކޮށްފައި ވާ ކަމަށާއި ފުލުހުން އޭނާ ހައްޔަރު ކުރި އިރު އޭނާގެ އަތުން 24،000 ރުފިޔާ ފެނިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމަރުގައި ވަނީ ބުނެފައެވެ. އަދި ނަބީލްއާ ގުޅިގެން މި ކުށުގައި ބައިވެރިވުމެގެ ތުހުމަތު އީޝާދަށް ވަނީ ކޮށްފައެވެ.
ނަބީލު އެކަން ކޮށްފައިވަނީ ސޯޝަލް މީޑިއާ އެޕެއް ބޭނުންކޮށްގެން ކަމަށް ކޯޓު އަމުރުގައި ބުނެއެވެ. މި ދެމީހުންނަކީ ވެސް އެ ކަހަލަ އިތުރު އެހެން މައްސަލަތަކާއި ފޭރުމާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި އެކި ފަހަރު މަތިން މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ 2 މީހުން ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.
ބްލެކްމެއިލްކޮށް ބިރުދައްކައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް ގިނަވެފައި ވާއިރު މިމަހު 9 ވަނަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ޗީފް ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވަނީ މިފަދަ މައްސަލަތައް ދިމާވުމަށް މެދުވެރިވަނީ މީސްމީޑިއާގެ ތަފާތު އެޕްލިކޭޝަންތައް ބޭނުން ކޮށްގެން އެކި އުމުރުފުރައިގެ އަންހެން ކުދިން ބޭނުން ކޮށްގެން ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، އެ އަންހެން ކުދިންނާ ޗެޓުކުރުމަށް ފަހު ބައްދަލު ކުރުމަށް ބުނެ ގެސްޓްހައުސް ފަދަ ތަންތަނަށް މީހުން ދިއުމުން އިތުރު ބަޔަކު އައިސް ހުއްދަނޫން ގޮތުގައި ހިފަހައްޓައި އެމީހުންނަށް ބިރު ދެއްކުމަށް ފަހު ބަރަހަނާކޮށް ފޮޓޯ ނަގައި އަގުބޮޑެތި ތަކެތި ފޭރިގަންނަކަން ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައި ވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކުން އަންހެން ކުދިން ބޭނުންކޮށްގެން ޗެޓުކޮށް ބައްދަލުކުރަން ތަންތަނަށް ގެންގޮސް ބިރުދައްކަނީ މި މައްސަލަތަކުގައި ޝިކާރައަކަށް ވާ ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަނާޅާނެ ކަމަށް ގަބޫލުކޮށްގެން ކަމާއި، އެހެންވެ މިފަދަ މައްސަލަތައް ހުށަހަޅާ ފަރާތްތަކުން ފުލުހުންނަށް ރަނގަޅު މައުލޫމާތު ބައެއް ފަހަރު ނުދޭތީ މައްސަލަތައް ތަހުގީގު ކުރަން ދަތިވާ ކަމަށް ޝިފާއު ފާހަގަ ކުރެއްވިއެވެ.