ލ. ގަމުގައި ކުޑަކުއްޖަކު ގަދަކަމުން ނެރެ، އެކަހެރި ތަނަކަށް ގެންގޮސް އަނިޔާކޮށް ވީޑިއޯކުރުމަށް ފަހު ބްލެކްމެއިލްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނީ، މީގެ ދުވަސްކޮޅެއް ކުރިން މިސްކިތެއްގެ ތެރޭގައި ކުއްޖަކަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯއެއް ފެންމަތިވި ކަމަށާއި އެ ހާލަތު މިފަހުން ދިމާވީ އޭނާގެ ދަރިފުޅަށް ކަމަށެވެ.
އޭނާ ބުނީ، ދަރިފުޅަށް އަނިޔާކުރީ އެ ކުއްޖާ ގޭގައި ނިދާފައި އޮއްވައި ކުޑަދޮރުން ވަދެ، ބޭރަށް ނުގޮއްސިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ބޭރަށް ގެންގޮސް ރުށްގަނޑެއްގެ ތެރެއަށް ވައްދައި އޮރިޔާންކުރުމަށް ފަހު ކަމަށާއި، އެ މަންޒަރު ވީޑިއޯވެސް ކޮށްފައިވާ ކަމަށެވެ.
" [ދަރިފުޅު] ގޭގައި ނިދާފަ އޮއްވާ ގެއަށް ވަދެ ރޫމަށް ކުޑަ ދޮރުން ވަދެ ބޭރަށް ނުގޮއްސިނަމަ މަރާލާނެ ކަމަށް ބުނެ ބިރު ދައްކާ، ބޭރަށް ދިއުމުން ރުށްގަނޑެއްގެ ތެރެއަށް ވައްދައި އޮރިޔާންކޮށް ދަނޑިބުރިއަކުން ތަޅާ ވީޑިއޯކުރުމަށް ފަހު ރުފިޔާ ނުދީފިނަމަ ވީޑިއޯ ލީކްކުރާނެ ކަމަށް ބުނެ ބްލެކްމެއިލްކޮށް އެއްފުރާގެ ގިނަ ކުދިން ތިބި އިންސްޓާ ގްރޫޕަކަށް ވީޑިއޯ ލައި ދަރިފުޅަށް މަރުގެ އިންޒާރު ދިން،" އޭނާގެ މަންމަ ލިޔުނު ޕޯސްޓްގައިވެއެވެ.
"މިއީ ގްރޭޑް 9 ގައި އުޅޭ ކުއްޖެއް އިސްވެ ހުރެ ގްރޫޕަކުން ހިންގި އަމަލެއް ވީމާ މިފަހަރު ވެސް އޮންނާނީ އޭނާގެ ހައްގެވެ، އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދައިދޭނީ ކިހިނެއް ހެއްޔެވެ؟"
އެ ޕޯސްޓާއެކު އޭނާ ވަނީ އެ ކުއްޖާއަށާއި ގްރޫޕަށް ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ވެސް އާންމުކޮށްފައެވެ. ސްކްރީންޝޮޓްތަކުން، އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމާއި މަރާލާނެކަމަށް ބުނެ އިންޒާރުދީފައިވާ ކަން ހާމަވެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މީސްމީޑިއާގައި ދައުރުވާ ޕޯސްޓް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކުން އެކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.