ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހުޅުމާލެ އިން ކާރެއްގެ ތެރެއިން އިއްޔެ ހޯދި 91 ޕެކެޓް ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 14 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ގދ. ހޯނޑެއްދޫ އަލޯރާގޭ އަހްމަދު މުޖާހިދުގެ ބަންދުގެ މުއްދަތު އިތުރު ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ދިނީ އެންމެ ދުވަހެކެވެ. އެއީ ތުހުމަތުވާ މީހާ އަށް ގާނޫނީ ވަކީލެއްގެ އެހީ ލިބުމުގައި ލަސްވި ކަމަށް ބުނެ ކުރި ޝަކުވާތަކާ ގުޅިގެންނެވެ. ނަމަވެސް މިއަދު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 14 ދުވަސް ވަނީ ދީފައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވަނީ މައްޗަން ގޮޅީ ސަހަރާއާ ވީ ހިސާބުގައި މާފަތްތަކުރުފާނު މަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ. އެ އޮޕަރޭޝަނުން ފުލުހުން ވަނީ 28 ޕެކެޓް މަސްތުވާތަކެތި ހޯދާފައެވެ. އަދި އެ އޮޕަރޭޝަނެއްގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން އަދި ކަށަވަރެއް ނުވެއެވެ.

އެ ދެ އޮޕަރޭޝަން އިން ހޯދި މަސްތުވާތަކެތީގެ ބަރުދަން 119 ކިލޯއަށް އަރައެވެ.