ސީއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް މިނިސްޓްރީ އޮފް ހެލްތް އަދި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެދު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްއޯޔޫއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޯޔޫގައި ސޮއި ކުރެއްވީ، ހެލްތް މިނިސްޓަރީގެ ފަރާތުން މިނިސްޓަރު އަހްމަދު ނަސީމް އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ އެމްޑީ އަހްމަދު ސައީދު އެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި އެމްއޯޔޫގެ ސަބަބުން ފެނަކާގެ އައިޓީ ޓީމުން ސިއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗާގެ އޮޑިޓް ހެދޭނެ ކަމަށެވެ. އެގޮތުން، ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަންތައްތައް އެނގިގެން ދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި ފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދެމުންދާ ހިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ފަސޭހައިން ޑޭޝްބޯޑްސް ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މިނިސްޓްރީ އޮފް ހެލްތަށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމްކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އަދި މި މަސައްކަތުގެމި މިނިސްޓްރީގެ އެއް އަމާޒު ކަމަށްވާ ސިއްހީ ދާއިރާގައި ބޭނުން ކުރަމުންދާ އެކި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތު އިންފޮމޭޝަން ސިސްޓަމާ ގުޅާލުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރިން ބުނެއެވެ.