ސުނާމީގައި ލިބުނު ގެއްލުންތަކުގައި ހަލާކުވި ގެތަކުގެ މަސައްކަތުގައި އުޅުނު ވިމަސް މޯލްޑިވްސް އަށް 1.8 މިލިއަން ރުފިޔާ ދައުލަތުން ހޯދައި ދިނީ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތް ކުރުމުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވާތީ، ފައިސާ ދޫކުރުމަށް އެ ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ބާތިލް ކޮށްފިއެވެ.
ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ވިމަސް އަށް ފިނޭންސުން ފައިސާ ދޫކުރުމުގައި "އިހުމާލުގެ މައްޗަށް އިހުމާލު" ވެފައިވާ ކަމަށެވެ. އެ އިހުމާލަށް ފިޔަވަޅު އެޅުމާ އެކު ވިމަސް އަށް ނާޖާއިޒު މަންފާގެ ގޮތުގައި ހޯދައި ދިން ފައިސާ އަނބުރާ ދައުލަތަށް ހޯދަން ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.
ހަމައެއާއެކު ފައިސަލާ ކުރަނިވި ހުކުމެއް ކޮށްފައި ނުވާ ގަޟިއްޔާއެއްގެ މައްޗަށް ބިނާކޮށް އަދި ރާއްޖޭގެ ހައި ކޯޓުން ބާތިލްކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް ދައުލަތުން އެހާ ގިނަ ފައިސާ ދޭން ފިނޭންސްގެ ގާނޫނީ ޓީމުން ލަފާ ދިނީ ކޮން ހަމަޔަކުންތޯ ބަޔާންކޮށްދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ބުނެއެވެ. އަދި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސްގެ ޝުހޫދު އަހްމަދުއާ ފެބުރުއަރީ 12, 2019 ގައި ފައިސާ ހަވާލުކުރީ ފިނޭންސްގެ އެންގުމާ ހިލާފަށް ކަމަށާއި އެއީ އޮޅިގެން ޖަމާކުރެވުނު ފައިސާއެއް ކަން އެނގި ތިބެ ކޯޓުން ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.
ކޯޓުތަކުން އަމަލުކުރަން ޖެހޭނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ތެރެއިންން ކަމަށާއި ފިނޭންސުގެ އެންގުމާ ހިލާފަށް ވިމަސް އަށް ފައިސާ ޖަމާކުރި މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އެ ހުކުމުގައި ވެއެވެ. މީގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ވި ގެއްލުން އިހުމާލުވި ފަރާތްތަކުގެ ކިބައިން ހޯދުމަށް ގާނޫނުގެ ބާރާއި އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށް ވަނީ އަމުރު ކޮށްފައެވެ. އަދި މިފަދަ ކަންކަމާ މެދު ދައުލަތުގެ ކަމާބެހޭ ފަރާތުން ކަމެކޭ ހީނުވާ ގޮތަށް އަމަލުކޮށްފި ނަމަ މިކަންކަން ހިންގަން ތިބޭ ވެރިންގެ ގާނޫނީ ޒިންމާއާ މެދު އިހުމާލުވުން ނުވަތަ މިފަދަ މިސްޓޭކްތައް ކަމަށް ބުނާ ކަންކަން ތަކުރާރުވުމުގެ ފުރުސަތު އޮންނާނެ ކަަމަށް ވެސް އެ ހުކުމުގައި ބުނެއެވެ.
މި މައްސަލަ ފެށިގެން އައިސްފައި ވަނީ ސުނާމީގައި ލިބުނު ގެއްލުމާ ގުޅިގެން، ގއ. ވިލިނގިލީގައި އިމާރާތެއް އެޅުމަށް ހަވާލުވި ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އަށް ވިމަސް މޯލްޑިވްސް ކުންފުނިން ސަޕްލައިކޮށްދިން ދޮންވެލީގެ އަގު ކަމަށްވާ 72,500 ރުފިޔާ ނުލިބުމުންނެވެ. އެހެންކަމުން އެ އަގާއި އަދި 2010 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ފާއިތުވި ކޮންމެ ދުވަހަކަށްވާ ދެ ޕަސަންޓް އިންޓްރަސްޓްގެ ގޮތުގައި ދޭން ޖެހޭ ފައިސާ ހޯދުމަށް ވިމަސް ކުންފުނިން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ ކުރިއެވެ.
މި މައްސަލައިގައި އޭރު ވިލިންގިލީ ކޯޓުން ނިންމީ އެ ފައިސާއަކީ ދައްކަން ޖެހޭ ފައިސާއެއް ކަމަށާއި ޕީބީޑީސީ ކުންފުނީގެ މައްޗަށް އެ ފައިސާ ދެއްކުމަށް އެ ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް މާލީ ހާލަތު ދަށްވެގެން ކަމަށް ބުނެ ވިލިނގިލީ ކޯޓުގެ ހުކުމާ އެއްގޮތަށް ފިލިޕީންސްގެ ކުންފުނިން އެ ފައިސާއެއް ނުދެއްކި އެވެ.
މި މައްސަލައިގައި ވިލިނގިލީ ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރީ ފުރަތަމަ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއާ އާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.8 މިލިއަން ރުފިޔާ މަހެއްހާ ދުވަހުގެ ތެރޭގައި އެ ކޯޓުގެ އެކައުންޓަށް ޖަމާ ކުރުމަށެވެ. ނަމަވެސް އެހިސާބުން ދައުލަތުން އެ ފައިސާ ދެއްކުމަށް ދެކޮޅު ހެދީ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން އަމުރު ކުރީ ޖޫރިމަނާ ފައިސާ ނުލައި މުއާމަލާތުގެ އަސްލު އަގަށްވާ 72,500 ރުފިޔާ ވިމަސް އަށް ދައުލަތުން ދެއްކުމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވާ ގޮތުން، ވިމަސް އަށް ދައްކަން ޖެހޭނީ 72,500ރ. ކަމަށް ބުނެފައި އޮއްވައި ފިނޭންސް މިނިސްޓްރީން ޖަމާކުރީ ހައި ކޯޓުން ބާތިލްކުރި ވިލިނގިލީ މެޖިސްޓްރީ ކޯޓުގެ ހުކުމާ އެއްގޮތަށް 1.8 މިލިއަން ރުފިޔާ އެވެ. މި ފައިސާ ޖަމާކުރުމަށް ފަހު ފިނޭންސުން ކޯޓަށާއި ވިމަސް އަށް އެންގީ އެއީ އޮޅިގެން ޖަމާކުރި ފައިސާއެއް ކަމަށާއި އެ ފައިސާ އަނބުރާ އެމްއެމްއޭގެ އެކައުންޓަކަށް ފޮނުވައި ދިނުމަށެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް ވިލިނގިލީ ކޯޓުން އަމަލެއް ނުކޮށް ވަނީ ވިމަސް އަށް ދައްކަން ފިނޭންސުން އޮޅިގެން ޖަމާކުރި ފައިސާ ވަނީ އެ ކުންފުނީގެ ޑިރެކްޓަރެއްގެ ނަމުގައި ޗެކް ލިޔެ އެ ފައިސާ ދޫކޮށްފައެވެ.
ތިޔައީ އޮޅޭވަރުގެ ކަމެއް ނޫން.މިނިސްޓަރު އިސްތިއުފާދީ. ދިވެހިންނަކީ ގަމާރު ބައެއް ކަމަށް ހީކުރީތަ؟
ކޮއްމެ ކަމެއްވެސް ފަޅާއެރީމާ މި ބުނަނީ އޮޅިގެން ކަމަށް، ތިވަރަށް އޮޅުވާލަން ދެން ނޫޅެބަލަ.!