ހިޔާ ފްލެޓްގެ ހަތަރު ޓަވަރަކަށް މިއަދު ހަތަރު ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފުލެޓުތަކަށް ފެން ފޯރުކޮށްދޭ މައި ހޮޅިއަށް ލިބިފައިވާ ގެއްލުމުގެ މަރާމާތު ކުރެވުމުން ދާތީ، މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް، H13، H14، H15 އަދި H16 ޓަވަރުތަކުން ފެނުގެ ހިދުމަތް މެދު ކެނޑާލާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ބާވަތުން ހަތަރު ގަޑިއިރަށް ވުރެ އިތުރު ވަގުތަށް ފެންކެންޑިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ވީމާ މިކަމުގެ ސަބަބުން މި ޓަވަރުތަކުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭ ކަމަށް އެޗަޑީސީން ބުނެއެވެ.

ހިޔާ ފްލެޓަށް މީހުން ބަދަލުވެ ދިރިއުޅެން ފެށި ފަހުން ފެންބިލުގެ މައްސަލަތަކެއް ދިމާ ވުމުން އެމްޑަބްލިއުއެސްސީން ވަނީ ފެނުގެ ހިދުމަތް ދިނުމުގައި އެ ޓަވަރުތަކުގައި ހުރި މައްސަލަތައް ދެނެގެންފައެވެ. އެ ގޮތުން ހިޔާ ފްލެޓްގެ ފެނުގެ ކަނެކްޝަންތަކުގެ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވައި އެ ކުންފުނީގެ އެމްޑީ ހަސަން ޝާހް ވިދާޅުވެފައި ވަނީ، ފެނުގެ މައި ނެޓްވޯކުން ފެށިގެން ފެން މީޓަރުތަކާ ހަމައަށް އަޅާފައި އޮތީ، އެމްޑަބްލިއުއެސްސީން ބޭނުން ކުރާ ކަހަލަ ހޮޅި ނޫން ކަމަށެވެ. މައި ނެޓްވޯކްގެ ފެން ހޮޅިއަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، މަރާމާތު ކުރަން ހުރި ގޮންޖެހުންތަކަށް ވެސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.