މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އަދުހަމްއަށް ހުކުމް ކުރުމުގެ ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު އަދުހަމް ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައި 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައެވެ. ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެފައިވާ ގޮތުން އަދުހަމްގެ މައްޗަށް އަންނަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމް ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 21 ދުވަހެވެ. އެ މުއްދަތަކީ އޭނާ ޖަލުގައި ހޭދަކުރި 221 ދުވަސް، 23 އަހަރުގެ ހުކުމް އުނިކުރުމަށް ފަހު ބާކީވާ މުއްދަތެވެ.

މިއަދުގެ އަޑުއުހުމުގައި އަދުހަމް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދެވުނީ ދީނީ ގޮތުން ގަބޫލު ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަދުހަމް ވަނީ އެކަމަށް މައާފަށް އެދި އެފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އަދުހަމްގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ. އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވުމުގެ އިތުރުން އެވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ނުރައްކާވިއެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސް ވެސް ވެފައެވެ.