އައްޑޫ ސިޓީގައި ހިންގާ އިކޯ ޓޫރިޒަމް މަޝްރޫއަށް ބޭނުންވާ ފައިސާގެ 3 ވަނަ އިންސްޓޯލްމަންޓް އިންޑިއާއިން ދީފިއެވެ. ދެކުނުގެ 5 ރަށެއްގައި ހިންގާ މި މަޝްރޫއުގެ 3 ވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި ދިނީ 11,5 މިލިއަން ރުފިޔާއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަޝްރޫއު ތަކަށް ބޭނުންވާ ފައިސާގެ 2 އިންސްޓްޓޯލްމަންޓެއް މީގެ ކުރިން ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުލައި 2020 އަދި މާޗް 2021 ގައި ވެސް 11,5 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު ފެބްރުއަރީ 2020 ގައި ވަނީ އިކޯ ޓްއަރިޒަމްގެ 5 މަޝްރޫއަކަށް އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެހީގެ އެއްބަސްވުމުގެ ދަށުން މަޝްރޫއުތަށް ކުރިއަށް ގެންދަނީ އައްޑުއަތޮޅު ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއަށް ޖުމްލަ 2.49 މިލިއަން އެމެރިކާ ޑޮލަރު (38 މިލިއަން ދިވެހި ރުފިޔާ) ގްރާންޓްގެ ގޮތުގައި ހަމަޖައްސައި ދީފައިވާ ކަމަށާއި މި މަޝްރޫއުތަކުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތުތަކަށް މަގުފަހިވެ، އިކޯ ޓޫރިޒަމްގެ ފުރުސަތު ފުޅާވެގެން ދާނެ ކަމަށެވެ.
މި ސްކީމްގެ ދަށުން މިހާރު ވެސް މަރަދޫ، ހިތަދޫ، ހުޅުދޫ އަދި ކެނދިކުޅުދޫގައި ފިޝް ޕްރޮސެސިން 4 ޕްލާންޓަކާއި ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓަކާއި އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމް ކުރުމާއި އަދި ހަނިމާދޫގައި ގާއިމް ކޮށްފައިވާ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރު ގައި ސޮއިލް ޓެސްޓިން (ވެލި ޓެސްޓް ކުރާ) ލެބްއެއް ގާއިމް ކުރުން ހިމެނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިންޑިއާ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އިތުރު 8 ޕްރޮޖެކްޓަކަށް ގްރާންޓްގެ ގޮތުގައި 70 މިލިއަން ދިވެހި ރުފިޔާ ހަމަޖައްސައި ދިނުމަށް އޮކްޓޫބަރު 2021 ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ތ. ތިމަރަފުށި އަދި ވޭމަންޑޫގައި މަގުބައްތި ހަރުކުރުމާއި، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމް ކުރުމާއި، އދ .ދަނގެތީގައި އިތުރު ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމާއި، ނ. މިލަދޫގައި ކައުންސިލް އިދާރާއެއް އިމާރާތް ކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލާއި ލ. ގަން ޅައްދޫ ސްކޫލާއި ހއ. ދިއްދޫގެ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓިން ޔުނިޓްތަކެއް ގާއިމް ކުރުމާއި އެމްއެންޑީއެފަށް ބޭނުންވާ ސީއެމްބިއުލާންސް ހޯދުމަށާއި މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުންވެސް ހިމެނޭ ކަމަށެވެ.