ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރު ކުރި ވ. ގާތިފް، ހަސަން އަތޫފަށް، 76 އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ ބަދަލުގައި އަދަބު ލުއިކޮށް، 30 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ، 2019 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައިގައި ހަސަން އަތޫފްގެ މައްޗަށް ފަސް ދައުވާ އެއް މި އަހަރު ޖޫން މަހުގެ 28 ވަނަ ދުވަހު އުފުލާފައިވާ ކަމަށެވެ.
އަތޫފް ގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
- އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
- އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
- ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން
- މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
- ގްރޫމްކުރުން
ޕީޖީން ބުނީ، މި މައްސަލައިގައި ދައުވާ ލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާ ކަމަށެވެ. ދައުވާ ލިބޭ މީހާއާއެކު ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައި ވަނީ، މި މައްސަލާގައި ކޮށްފައިވާ ފަސް ދައުވާގެ ތެރެއިން ދެ ދައުވާއަކަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދަމަހައްޓައިފި ނަމަ، ފަސް ދައުވާގެ ތެރެއިން 3 ދައުވާ އަނބުރާ ގެނައުމަށް ކަމަށް ޕީޖީން ބުނެއެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމި ދަވާތަކަކީ، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމާއި، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމާއި، ގްރޫމްކުރުން ކަމަށް ޕީޖީން ބުނެއެވެ. ކުރިއަށް ގެންދިއުމާސް ނިންމާފައިވާ ދެ ދައުވާ އަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމެވެ. އެގޮތުން އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު އަދަބަކީ ދެ ދައުވާއަށް ޖުމްލަ 30 އަހަރުގެ މުއްދަތަށް ޖަލުގައި ބަންދުކުރުން ކަމަށް ޕީޖީން ބުނެއެވެ.
މި އެއްބަސްވުމާ އެއްގޮތަށް މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އަދި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެފައި ވެއެވެ. އަދި ދައުލަތާ ދައުވާ ލިބޭ މީހާއެކު ވެވުނު އެއްބަސްވުމާ އެގޮތަށް،މިއަދު ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ ވަނީ ވ. ގާތިފް، ހަސަން އަތޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައވާ ސާބިތުވާކަމަށް ކަނޑައަޅައި އޭނާއަށް 30 އަހަރު ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ހުކުމް ކޮށްފައެވެ.
ޕީޖީން ބުނީ މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ގަރީނާ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ވެސް ކޮށްފައި ވަނީ ދައުވާތައް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާ އެކުގައި ކަމަށެވެ. ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް އައުމުގެ ކުރިން މި އެއްބަސްވުމުގެ ސަބަބުން ދައުވާ ލިބޭ މީހާއަށް ހުރި ފައިދާތަކާއި ގެއްލުންތައް ތަފްސީލުކޮށް ސާފުކޮށްދީ ބަޔާންކޮށްދީފައި ވާނެ ކަމަށް ޕީޖީން ބުނެއެވެ.
ޖިނާއީ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާއި ޕީޖީއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ ފުރުސަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުޅުވިފައިވާ ދޮރެއް ކަމަށް ޕީޖީން ބުނެއެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ދައުލަތާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ނަތީޖާއަކީ މައްސަލަތައް އަވަސްވެ، ޖިނާއީ އަދުލުގެ ނިޒާމަށް އޮންނަ ބުރަ ބޮޑުތަނުން ކުޑަވެގެންދިއުން ކަމަށް ޕީޖީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ދައުވާ ލިބޭ މީހާއަށް ވެސް ބޮޑެތި ލުއިތަކެއް ލިބުމުގެ ފުރުސަތު އޮވެއެވެ.
އެގޮތުން މިމައްސަލަ އާންމު އުސޫލުން ކުރިއަށް ގެންގޮސްގެން ދައުވާތައް ސާބިތުކޮށްދެވުން ނަމަ 76 އަހަރުގެ ހުކުމެއް އައީހެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 30 އަހަރަށް ކުޑަކުރެވިފައެވެ. މި ނިޒާމަކީ ހުޅުވާލެވިފައިވާ މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި ވަރަށް ފުރިހަމައަށް ތަންފީޒް ކުރަމުންދާ ނިޒާމެކެވެ.
ދައުލަތުގެ މަސްލަހަތުގައި އޮތީ އަނިޔާ ލިބުނު ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށާއި މި މައްސަލައިގެ ޝަރީއަތެއް ހިނގާ ނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނަގައި، އެކުދިން އަލުން މިކަމުގެ ތެރޭގައި ޝާމިލުވާން ޖެހޭ ގޮތް މެދުވެރި ވާނެ ކަމަށް ޕީޖީން ބުނެއެވެ. ކުށަށް އިއުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީއަތުގައި އިއުތިރާފުވާ ނަމަ، ލުއި ދީގެން އަވަހަށް ޝަރީއަތް ނިމުމުން ކުދިން ރީވިކްޓިމައިޒް ވުމުން ސަލާމަތް ކުރެވޭނެ ކަމަށް ޕީޖީން ބުނެއެވެ.
މީގެ އިތުރުން ޕީޖީން ބުނީ، ޕްލީ ބާގެއިންގެ ތެރެއިން ވީހާ ވެސް ގިނަ މައްސަލަތައް ކުރިއަށް ގެންގޮސް އަވަހަށް ނިންމުމަމީ އެ އޮފީހުގެ އަމާޒެއް ކަަމަށެވެ. މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއި، ކުށްތަކާ ގުޅިގެން އަނިޔާ ލިބޭ މީހުން އަދި މުޅި މުޖުތަމައުގެ މަސްލަހަތު ވެސް ބޮޑީ މިފަދަ ނިޒާމަކުން އަވަހަށް މައްސަލަތައް ނިންމުން ކަމަށް ޕީޖީން ބުނެއެވެ.