ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތުމުން، ބަންގްލަދޭޝްގެ ބަޔަކު ދިރިއުޅޭ ގެސްޓްހައުސެއްގެ ކޮޓަރިއަކުން ކެނަބިސް ފެނުނު މައްސަލައަކާ ގުޅިގެން އެ ކޮޓަރީގައި އުޅޭ ދެމީހުންގެ މައްޗަށް އުފުލި ޑްރަގް ޓްރެފިކިން ދައުވާއިން ސަލާމަތް ވެއްޖެއެވެ.

މީގެ ހަތަރު ކުރިން 2017 ވަނަ އަހަރު ޖެނުއަރީގައި މއ. ރަންފައުނުގޭ ތިރީ ބުރީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށް ވުރެ ގިނަ ރުފިޔާއާއި އެކު ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ސޮހެލް ޗޮކެންދަރަށާއި ދިލާވަރު ހުސައިނަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަން ބަލާ ފާސްކުރިއިރު، ސޮހެލް ޗޮކެންދަރާއި ދިލާވަރު ހުސައިން ދިރިއުޅެމުން ދިޔަ ކޮޓަރިން ޖުމްލަ 738.59 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މަސްތުވާތަކެތި ކިރަން ބޭނުން ކުރާކަމަށް ޝައްކުކުރެވޭ ކައްޓާއަކާއި، 103،775ރ. ގެ އިތުރުން 915 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައިވެއެވެ.

އެ ދެމީހުންގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، އެ ދެމީހުން ދިރިއުޅުނު ގެސްޓްހައުސްގެ ތިރީ ބުރީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަން ފާސްކުރި ކުރުމުން ގިނަ އަދަދެއްގެ ކެނަބިސް ފެނުމުންނެވެ.

ނަމަވެސް އެ ދައުވާއަށް އިންކާރުކުރަމުން ސޮހެލް ޗޮކެންދަރު ބުނީ، މަސްތުވާތަކެތި ފެނުނީ ތަޅުލާފައި ހުރި ތަނަކުން ނޫން ކަމަށާއި، އޭނާއާއި ދިލާވަރު ހުސައިންގެ ކޮޓަރިވެސް ހުންނަނީ ތަޅުނުލައި ކަމަށްވުމުން، އެތަންތަނަށް އެތައް ބަޔަކު ވަންނަ ކަމަށެވެ. އެ ދެ މީހުންވެސް ބުނީ ފުލުހުން ހޯދި މަސްތުވާތަކެއްޗާއި އެހެނިހެން ތަކެއްޗާ އެމީހުންނާ ގުޅުމެއް ނެތް ކަމަށެވެ.

މިހާލަތުގައި ދައުވާ ސާބިތު ކުރުމަށްޓަކައި އެ ތަކެއްޗަކީ އެމީހުންނާ ގުޅުންހުރި ތަކެތިކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެއެވެ. ނަމަވެސް ދައުލަތުން އެމީހުން ކޮށްފައިވާ އިންކާރާ ދެކޮޅަށް ދައުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން އެހެން މީހުން އެ ދެމީހުންގެ ކޮޓަރިއަށް ނުވަންނަކަން ދައުލަތަށް ސާބިތުކޮށްނުދެވުމުން ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެއެވެ.