ހިޔާލު ފާޅުކުރުމަކީ ހައްގެއް ކަމަށާއި، ނަމަވެސް ހިޔާލު ފާޅުކުރާއިރު އެހެން މީހުންގެ އަބުރަށް ރައްކާތެރިވެ ހުރެ ހިޔާލު ފާޅުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރޭ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާއި، އެޗްއާރުސީއެމަށް 18 އަހަރު ފުރޭ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ އެއް ހައްގަކީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަން ކުރުމުގެ މިނިވަން ކަމަށާއި، އެކަމަކު ވޭތުވެދިޔަ އަހަރުތަކުގައި އޮތީ އެ ހައްގުން މަހުރޫމްކޮށްފައި ކަމަށެވެ.

އެކަމަށް އަލި އަޅުވާލައްވައި ރައީސް ވިދާޅުވި ގޮތުގައި، އަބުރުގެ ގާނޫނުގެ ނަމުގައި އޭރު ފާސްކުރި ގާނޫނުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތީ ހުރަސް އެޅިފައި ކަމަށާއި، އޭރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުން އައި މަސައްކަތްތަކަކީ މީޑިއާތައް ޖޫރިމަނާކޮށް، ނޫސްވެރިންނަށް އަދަބު ދިނުން ކަމަށެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން ވަނީ ނޫސްވެރިންނަށް އަދި ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދީފައި ކަމަށާއި، އެކަމުންވީ އެއްވެސް އުނދަގުލެއް ނެތް ކަމުގައި ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމުވެސް އަޅުގަނޑަށް ވީ ފައިދާ." ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ، ހިޔާލު ފާޅުކުރެމެކޭ އެއްގޮތަށް، އަބުރު ރައްކާތެރިކުރުމަކީވެސް ކޮންމެ މީހެއްގެ ހައްގެއް ކަމަށާއި، އެހެންކަމުން ހިޔާލު ފާޅުކުރާއިރު، އެހެން މީހުންގެ އަބުރަށްވެސް ރައްކާތެރިވުމަށް ރައީސް ގޮވާލެއްވިއެވެ.

"އެހެންކަމުން ހިޔާލު ފާޅުކުރަންވާނީވެސް، އަދި ނޫސްވެރިކަން ކުރަންވާނީވެސް، އަނެކާގެ އަބުރު ރައްކާތެރިކުރުމަށް ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަށްވެސް ރައްކާތެރިވެގެން."