2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތާކަށް ހިންގި ތަހުގީގަށް ހެދި ރިޕޯޓެއް ކަަމަށް ބުނެ ނެރެގެން އުޅޭ ރިޕޯޓަކީ ސައްހަ ލިޔުމެއް ނޫން ކަމަށާއި އެކަން ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ، މިދިޔަ އިންތިހާބާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަކަށް ނަގާފައިވާ ބަޔާންތަކުން ފާހަގަކުރެވޭ ކަންކަން ބަޔާންކޮށް ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓަކާ ހަވާލާ ދީ އިދިކޮޅު ކޯލިޝަނުން އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުކޮށް ބަޔާނެއް ނެރުމުންނެވެ.

ފުލުހުން ބުނީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ގޮތުގެ ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައި ވާ ލިޔުމަކީ ފުލުހުންގެ ލިޔުމެއް ކަމަށް ދެއްކުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ. އެގޮތުން އެ ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުން ކޮށްފައިވާ ސްޓޭމްޕުގައި ފުށޫއެރުންތަކެއް ހުރި ކަަމަށް ފުލުހުން ބުނެއެވެ.

ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުން ކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ގާނޫނު ނަންބަރު 34/2000 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުން ކުރަމުން އަންނަ ނަމެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުން ކޮށްފައިވާ ނަމަކީ" މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަ ކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި ދެކޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށް ވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އެ ގޮތުން ރައީސް ޔާމީން ވަނީ އޭރު އީސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފަކީ ހާއިނެއް ކަމަށް ވިދާޅުވަމުންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ އިންތިހާބާ ގުޅިގެން ފުލުހުންގެ ހިދުމަތަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ހަދާފައިވާ ކަމަށް ބުނާ ރިޕޯޓުގައި ހުރި ޖުމްލަ 54 ނުކުތާއެއް ފާހަގަ ކޮށްފައެވެ. އެގޮތުން އިންތިހާބު ކުރިއަށް ދިޔަ ވަގުތާއި، ވޯޓު ގުނުމާއި، އޭގެ ފަހުންވެސް އެތައް ކަމެއް ހިނގިކަމަށް އެ ރިޕޯޓުގައި ވާ ކަަމށް އިދިކޮޅުން ބުނެއެވެ. އޭގެ ތެރޭގައި ފޮށި ބަލަހައްޓަން ތިބޭ އޮފިޝަލުން ފަރުވާ ކުޑަކުރި ކަމާއި، ވޯޓު ގުނަމުން ދިޔަ ވަގުތު ބައެއް އޮފިޝަލުންނަށް ބިރު ދެއްކި ކަމުގެ މައްސަލަތައް ވެސް އިދިކޮޅުން ފާހަގަ ކުރެއެވެ.