ފ. ފީއަލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއު ހަވާލު ކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސެއިން މޫސާގެ އިތުރުން ބޯޑު މެންބަރު މުހައްމަދު ފަރީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން، 13.8 ހެކްޓަރުގެ ބިން ހިއްކުމާއި، 1606 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 150 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މި މަޝްރޫއަކީ 450 ދުވަސް ތެރޭގައި ފުރިހަމަކޮށް ނިންމަން ޖެހޭ 66.85 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި ވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން 8 މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. އަދި 7 މަޝްރޫއަކީ ބިންހިއްކުމުގެ މަޝްރޫއެވެ.

ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫއެއްގެ މަސައްކަތުގެ އިތުރުން، ބިން ހިއްކުމުގެ 5 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އެމްޓީސީސީ އުފެދުނީއް ސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެ ކުންފުނިން ދަނީ މުހިއްމު ދައުރެއް އަދާ ކުރަމުންނެވެ.