މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް ކަނޑުމަގުން 100 ކިލޯގެ މަސްތުވާތަކެތި އެތެކުރަން އުޅުނު މައްސަލާގައި ހިމެނޭ ދިވެހިންގެ ތެރެއިން ދޫނުކޮށް ބާކީ ތިބި ތިން ދިވެހިން ވެސް ދޫކޮށްލައިފިއެވެ.

އެ މައްސަލާގައި 10 މީހުން ހައްޔަރު ކުރި އިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ މައްސަލަ ކޯޓަށް ވަނުމާއެކު ދޫކޮށްލާފައެވެ. އެހެންކަމުން ބާކީ ތިބި 8 މީހުންނަށް ބަންދުގެ މުއްދަތު ޖެހިއެވެ. އޭގެ ފަހުން އިތުރު ތިން މީހަކު ދޫކޮށްލި އިރު ބާކީ ތިބީ ފަސް މީހުންނެވެ. އެ ފަސް މީހުންނަކީ:

  • ޖުމާން މުސްތަފާ (19އ)، ނ. ވެލިދޫ / ބީޗްހެވަން
  • މުހައްމަދު އަހުމަދު (34އ)، ނ. ކަލައިދޫ / ޖަނަވަރީމާގެ
  • މުހައްމަދު ހުސައިން (61އ)، ދ. ބަނޑިދޫ / ޕޮލަރިސް
  • އެމްޑީ ރަފީގުލް އިސްލާމް (35އ)، ބަންގްލަދޭޝް
  • ޑީއެމް މޮބިން (24އ)، ބަންގްލަދޭޝް

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ ތަހުގީގު މަރުހަލާ ނިމިގެން ދިޔައިރުވެސް ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅުވޭނެ ހެކިތައް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ބުނެ، ބަންދުގައި ތިބި ތިން ދިވެހިން ދޫކޮށްލަން އަމުރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރުގައިވާ ގޮތުން، އެ ތިން މީހުންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެއީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ހެއްކެއް ނޫން ކަމަށް ބުނެފައިވެއެވެ.

ހަމަ އެހެންމެ، އެ މައްސަލާގައި ތުހުމަތުކުރެވޭ އެހެން މީހުންނާ އެ ތިން ދިވެހިން ގުޅާފައި ވާކަން އަންގައިދޭ ޗާޓެއް ފުލުހުން ހުށަހެޅި އިރު، ތުހުމަތުކުރެވޭ މީހުންނަށް އެ ތިން މީހުން ގުޅާފައި ވާކަން އެނގެން އޮތް ނަމަވެސް، އެ މީހުންނާ ދައްކާފައި ހުރި ވާހަކަތަކުގެ ތަފްސީލު ފުލުހުން ހުށަނާޅާ ކަމަށާއި، އެހެންވެ ކޯލް ޗާޓަށް އެކަނި ބުރަ ނުވެވޭނެ ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށްވެސް އެ ހުކުމުގައި ވެއެވެ.

އެހެންކަމުން، އެ މައްސަލާގައި ހިމެނޭ ހުރިހާ ދިވެހިން ކޯޓުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓާފައިވާ ބަންގްލަދޭޝްގެ ދެ މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ވަނީ އިތުރު ކޮށްފައެވެ. ކޯޓު އަމުރުގައި ވާ ގޮތުން، އެ ދެމީހުންގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކުރެވޭ ވަރަށް ހެކި އެބަ ހުއްޓެވެ.