ބަނގުރަލާއި މަސްތުވާތަކެއްޗާއެކު، ފުލުހުން 11 މީހަކު ހައްޔަރު ކޮށްފިއެވެ.
މި 11 މީހުންވެސް ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކެއްގައެވެ.
އެގޮތުން، ކ. މާފުށްޓަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރާ ކަމަށާއި ގާނޫނާ ހިލާފަށް ބަނގުރާ އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބިގެން ޑީއީޑީ އާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް، އަދި މާފުށީ ފުލުހުން ގުޅިގެން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި ހަ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އެ ހަ މީހުންގެ ތެރޭގައި ހިމެނެނީ 29 އަހަރާއި، 22 އަހަރާއި، 21 އަހަރާއި، 34 އަހަރާއި، 51 އަހަރާއި، 28 އަހަރުގެ ފިރިހެނުންނެވެ. އޭގެ ތެރެއިން 28 އަހަރުގެ މީހާއަކީ ސްރީލަންކާގެ މީހެއް ކަމަށްވާއިރު، ބާކީ ތިބި މީހުންނަކީ ދިވެހިންނެވެ.
މީގެ ތެރެއިން 29 އަހަރާއި، 22 އަހަރާއި، 21 އަހަރުގެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައި ފާސްކުރުމަށް ފަހުގައެވެ. މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ މި މީހުންނަށް 10 ދުވަހުގެ ބަންދެއް ޖަހާފައެވެ. ނަމަވެސް މާފުށި ކައިރީގައި އޮތް ސަފާރީއެއް ބަލައި ފާސްކުރުމަށް ފަހު ފެނުނު 88 ފުޅި ބަނގުރަލުގެ މައްސަލާގައި ހައްޔަރުކުރި 34 އަހަރާއި، 51 އަހަރާއި، 28 އަހަރުގެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.
މީގެ އިތުރުން، މާލެއަށް ގާނޫނާ ހިލާފަށް ބަނގުރާ އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑީއީޑީ އާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކުރި އިރު، އެ މީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރާއި، 25 އަހަރާއި، 22 އަހަރާއި، 38 އަހަރާއި، 51 އަހަރުގެ ފިރިހެނުންނެވެ. އޭގެ ތެރެއިން 51 އަހަރުގެ މީހާއަކީ ބަންގްލަދޭޝް މީހެކެވެ. ބާކީ ތިބީ ދިވެހިންނެވެ.
މި އޮޕަރޭޝަނުގައި ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު، އަދި ޓެކްސީއެއް ބަލާ ފާސްކުރިއިރު ތިން ފޮށިގަނޑު ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިިރުކުރުމުން، އެކަކުގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، ދެމީހަކަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. ބާކީ ތިބި މީހުންނަށް ޖަހާފައިވަނީ ފަސް ދުވަހުގެ ބަންދެކެވެ.
ފުލުހުންގެ ޑީއީޑީން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.