އިލެކްޝަން ކަމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފަކީ ހާއިނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ޝަރީފް ރައްދު ދެއްވައިފިއެވެ.

ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ވާހަކަފުޅުގައި އީސީ ޝަރީފާ ދެކޮޅަށް ދެއްވި ބަހުގެ ހަމަލާގައި ޝަރީފަކީ ހާއިނެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ދިޔަ ގޮތް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުންނަށް ސާފުކޮށް ދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވެފައި ވެއެވެ.

އެކަމަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުން ކުރިމަތީ ވޯޓް ލައި، ވޯޓް ގުނައި، ސާފު ވޯޓަކުން ބަލިވެވަޑައިގަތީމައި ބަލި ގަބޫލު ނުކުރައްވައި ޕޯޑިއަމްގައި ހުންނަވައި "ކޫލް ކަމެއް" ކަމަށް ހީފުޅުކުރައްވައި ތަންދޮރު ނުދަންނަ "ޖާހިލެއް ހެން" ހިތަށް އެރިހާ އެއްޗެއް ވިދާޅުވުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރައްވަން "މާ ރީތި ކަމެއް ނޫން" ކަމަށެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެވަޑައިގަތުމާ އެކު އިންތިހާބުގެ މިނިވަން ކަމާމެދު އެމަނިކުފާނާއި ޕީޕީއެމުން ވަނީ މީގެ ކުރިން ސުވާލު އުފައްދާފައެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާ އިހުތިޖާޖުތައް ވެސް ކުރިއަށް ގެންދިޔައެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފަށް ވަރަށް ބޮޑެތި ތުހުމަތުތައް ވެސް އަމާޒު ކުރެއްވިއެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އެ ތުހުމަތުތައް ތަކުރާރު ކުރައްވާ ޔާމީން ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އިންތިހާބުގެ އޮޅުވާލުންތައް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޕީޕީއެމް މޭޒުގެ އަނެއްކޮޅުގައި ތިބޭއިރު (ވެރިކަމުގައި ތިބޭއިރު) އެ ހަގީގަތް ސާފުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.