އއ. މަތިވެރީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ފެން ކުންފުނި އެމްޑަބްލިއުއެސްސީން އިފްތިތާހު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، މޯލްޑިވްސް ޕޯސްޓްގެ ޗެއާމަން މުހައްމަދު އަބްދުﷲ ގެ އިތުރުން، މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރާއި، އެރަށު ކައުންސިލްގެ ރައީސް އަހުމަދު އަސްލަމެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މަތިވެރިއަށް ފޮނުވައި، މި މަޝްރޫއުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީއެއް ބަހައްޓާނެއެވެ.

އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށާއި، ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން 38.83 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.