ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގާނޫނީ ގޮތުން ލިބިފައިވާ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ބާތިލް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލު ކުރަން އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެޗްޑީސީން ބުނީ، ގާނޫނީ ގޮތުން އެ ކޯޕަރޭޝަނަށް ހުޅުމާލޭގެ ބިިމުގެ މިލްކުވެރިކަން ލިބިފައިވާ އިރު، އެ ބިމުގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނު އަސާސީގައި، މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިހާރު ސިވިލް ކޯޓަށާއި އެލްޖީއޭއަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ހުށަހެޅި މައްސަލައިގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ސިޓީ ކައުންސިލަށް އަންގައިދިނުމަށްވެސް ވަނީ އެދިފައެވެ.
އެޗްޑީސީއަށް ލިބިފައިވާ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާތިލު ކުރުމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން އެޗްޑީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ބިމުގެ މިލްކުވެރި ކަމަކީ ބިމުގެ ވެރިފަރާތަށް އެ ބިމާއި ގުޅިފައިވާ އެންމެހާ މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްގުތައް ލިބިދީފައި ވުން ކަމަށެވެ.
އަދި ހަމަ އެ ގާނޫނުން އެނގިގެން ދަނީ ދިވެހިރާއްޖޭގައި ވަކި އެކަކަށް ބިމުގެ ގާނޫނީ މިލްކުވެރި ކަން ލިބިފައިވާ ކަން އަންގައިދޭ ގާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީއާ ބެހޭ ގާނޫނުގައިވާ ގޮތުން ނަމަ ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށް ދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލު ކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީ އަކީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ގާނޫނީ ގޮތުން މުދާ މިލްކު ކުރުމުގެ ހައްގު ލިބޭ ކުންފުންޏެކެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާ ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެން ވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އެ ތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.
އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައި އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިން ވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެޗްޑީސީގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްދީފައެވެ.