އަލަށް ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯންއަކީ މީގެ ކުރިން ފެނުނު ޑެލްޓާ ވޭރިއަންޓްއަށް ވުރެ ބަލިކަށި ވޭރިއަންޓަކަށް ވުން އެކަށިގެންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން މިހާތަނަށް ލިބިފައިވާ މައުލޫމާތު ދައްކާ ގޮތުން އާ ވޭރިއަންޓްގެ ސަބަބުން ބަލި ޖެހިފައިވާ މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެން ނަމަވެސް އޮމިކްރޯން ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓަށް ވުރެ ބަލިކަށި ވޭރިއަންޓެއް ކަމަށާ ބަލީގައި ބޮޑުވަރުވާ މިންވަރު ވެސް ދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ ޓެޑްރޯޒް އިތުރަށް ވިދާޅުވީ މިކަމުގައި ކަނޑައެޅިގެން އެއްޗެއް ބުނެވޭނެ ވަރަށް އަދި މައުލޫމާތު ނެތް ކަމަށާ އޮމިކްރޯންގެ ވޭރިއަންޓް ފެނިފައިވާ ގައުމުތަކުން އާވޭރިއަންޓް މަސައްކަތް ކުރާ ގޮތް ގާތުން ބެލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އަދި އޮމިކްރޯންއަކީ މާ ބޮޑު ވަރުވާ ވޭރިއަންޓްއަކަށް ނުވިއަސް ކޮވިޑާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ދޫ ނުދިނުމަށް ވެސް ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ، އެފަދަ ފިޔަވަޅުތަކެެއްގެ ނަތީޖާ ހިތިވުމަކީ އެކަށީގެންވާ ކަމަށެވެ.

ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުން މިހާރު އޮމިކްރޯން ފެނިފައިވާ އިރު ބައެއް ހިސާބުތަކުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތް ހިމެނޭ އިރު އޮސްޓްރޭލިޔާގައި ވެސް ކޮވިޑް ފެތުރޭ މިންވަރު އިތުރު ކަމަށް ދައްކައެވެ.