މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހ. ލަދުމާގެއާގެ އަހްމަދު ނައީމްގެ ބޭސްފަރުވާއަށް ކަރެކްޝަނަލް ސާވިސް އިން އިހްމާލުވުމުން, ވަގުތީގޮތުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ނައީމްގެ ބަލިހާލަތާ ގުޅިގެން ޝަރީއަތަށް ހުށަހަޅާފައިވާ ޝަކުވާގައި ވަނީ އޭނާގެ ކިޑްނީގައި ހިލަ އުފެދި ދުޅަވެ ކުޑަކަމުދިއުމަށް ދަތިވާ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ތަކުރާރުކޮށް ޝަކުވާ އުފުލުމުން ކްރިމިނަލް ކޯޓުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގައި އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ލިބެމުން ދޭތޯ ބެލުމަށް އަންގާފައެވެ.
އެގޮތުން ނައީމަށް އެކަށީގެންވާ ބޭސްފަރުވާ ކުރުމުގައި ކަރެކްޝަނަލް ސާވިސުން އިހުމާލުވެފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ ވަގުތީ ގޮތުން ދޫކޮށްލުމަށް އަމުރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ، ބޭސްފަރުވާގެ ހައްގަކީ އަސާސީ ހައްގެއް ކަމަށާއި އެފަދަ ހައްގެއް ލިބިދިނުމަކީ ބަންދު މަރުކަޒުގެ ޒިންމާއެއް ކަމަށެވެ. އަދި ގައިދީންނަށް ޖަލުތަކުންނާއި ޖަލުތަކުގެ ބޭރުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން ބޭސްފަރުވާ ދިނުމަކީ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ ޒިންމާއަކަށްވާ އިރު، އެ ފަރާތުން އެ ޒިންމާ އަދާ ކުރާކަން ކޯޓަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
ނައީމްގެ ބޭސްފަރުވާއަށް އިހުމާލުވަމުންދާ ކަން ފާހަގަކޮށް ދިފާއުން ބުނެފައި ވަނީ އޭނާ ޑޮކްޓަރަށް ދައްކަނީ މައްސަލައިގެ އަޑުއެހުން އޮންނަ ދުވަހުގެ އެއް ދުވަސް ކުރިން ކަމަށާއި، އަޑުއެހުންތައް ކައިރިވުމުން ކަމަށެވެ. އެގޮތަށް ކަންތައް ކުރަނީ ކޯޓުގައި ބޭސްފަރުވާ ކުރުމުގެ ކަންކަމުގެ ޝަކުވާ ކުރާތީ ކަމަށް ވެސް ދިފާއުން ވަނީ ބުނެފައެވެ.
ނައީމް ވަގުތީ ގޮތުން ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ ވަކި އިދާރާއެއް ނުވަތަ ވަކި މަގާމެއްގައި ހުރި މީހަކު ޒިންމާދާރު ކުރުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ދޫކޮށްލަން ކުރި އަމުރުގައި ވަނީ ބުނެފައެވެ. އެ އަމަރު ނެރެފައި ވަނީ ގާޒީ މުހައްމަދު މިސްބާހެވެ.
މަސްތުވާތެކެތީގެ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހެވެ. ނައިމަކީ 2019 ވަނަ އަހަރު ވީޓީވީއަށް ގެއްލުނު ދިން މައްސަލައިގައި, މުދަލަށް ގެއްލުމެއް ދޭން އުޅުމުގެ ކުށުގެ ދައުވާ އުފުލި މީހެކެވެ. ނަމަވެސް އެކުށް އޭނާގެ މައްޗަށް އޭރު ސާބިތެއް ނުވެއެވެ.