އިންޑިއާގައި ދަތުރުކުރަމުން ދިޔަ އަސްކަރީ ހެލިކަޕްޓަރެއް ވެއްޓުނު ހާދިސާގައި އެގައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަޓް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު އަވަހާރަވި ހިތާމަވެރި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށާއި 2019 ވަނަ އަހަރު އިންޑިއާގެ ޗީފް އޮފް ޑިފެންސާއި ބައްދަލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެން ކަމަށެވެ. އަދި ރައީސް ސޯލިހު ވަނީ ބިޕިން ރާވަތު އަކީ ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ގައުމަށް ހިދުމަތްކޮށްދެއްވި ތެދުވެރި ސިފައިންގެ މީހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެ ހާދިސާގައި ލިބުނު ގެއްލުމުގެ ހިތާމައިގައި އެމަނިކުފާނުގެ އާއިލާއަށާއި، އިންޑިޔާގެ ރައްޔިތުންނަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

މި ހާދިސާގައި ޖުމްލަ 13 މީހުން މަރުވެފައިވާ އިރު މީގެ ތެރޭގައި ޖެނެރަލް ރާވަޓްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ހަބަރު ލިބެއެވެ. އަދި މި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން މަރުވި މީހުންގެ ހަށިގަނޑުތައް ވަކިކުރެން ނޭނގޭ ވަރުވެފައިވާ ކަމަށާ ކާކުކަން ދެނެގަތުމަށް ޑީއެންއޭ ޓެސްޓްތައް ކުރަން ޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ރާވަޓް އަކީ 2019 ވަނަ އަހަރު އަލަށް އުފެއްދި ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފެވެ. އޭނާ އަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއްގެ އިތުރުން ޑިފެންސް މިނިސްޓްރީގެ އެޑްވައިޒަރުވެސް މެއެވެ.