މީހަކު އޭނާގެ އަނބިމީހާ ބްލެކްމެއިލް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.
ބ. އަތޮޅުގެ ރަށެއްގައި ފިރިމީހާ، އަނބިމީހާގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ ބޭނުން ކޮށްގެން އޭނާ ބްލެކްމެއިލް ކުރާ ކަމަށް ބުނެ ފުލުހުންނަށް ހުށައެޅި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ އެ ގެ ބަލާ ފާސްކޮށްފައެވެ. އަދި އެ ފިރިހެން މީހާގެ ފޯނު ހިފެހެއްޓުމަށް ފަހު ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް އެކަށީގެންވާ މުއްދަތަކަށް ފޯނު ހިިފެހެއްޓުމަށާ އަދި އެ ފޯނު ހުޅުވަން ފިރިމީހާގެ މައްޗަށް އަމުރުކޮށް ދިނުމަށް ކޯޓުގައި އެދިފައެވެ.
އެހެންނަމަވެސް ދަށު ކޯޓުން ނިންމީ އެ އަމުރު ނުދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ދަށު ކޯޓުން ދެއްކީ ފިރިމީހާގެ ފަރާތުން އަނބިމީހާއާށް ބިރުދައްކައި، ބްލެކްމެއިލް ކުރިކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ފުލުހުންނަށް ނުދެއްކޭތީއެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަނބިމީހާއަށް ބަރަހަނާ ފޮޓޯތަކެއް ފޮނުވާ އޭނާ ވަރިވެއްޖެ ނަމަ އެ ފޮޓޯތައް ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ މެސެޖްތަކެއް ފޮނުވި ކަމަށް އޭނާ ބުނެފައިވީ ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގައި އެފަދަ މެސެޖެއް ނެތް ކަމަށާއި ދަށު ކޯޓަށް އޭރު ހުށަހެޅި ހެކިތަކަށް އެ ކޯޓުން ވެސް ރަނގަޅަށް ރިއާޔަތް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ދަށު ކޯޓުން ނިންމުން ބާތިލް ކުރުމާ އެކު ފޯނު ހިފެހެއްޓުމުގެ އަމުރާ މެދު އަލުން ގޮތެއް ނިންމަން އެ ކޯޓަށް އަންގާ ކަމަށެވެ.