ބޮޑު ކަންނެލީގެ މަސްވެރިކަމަށް މި ސަރުކާރުން އަޅާ ނުލާ ކަަމަށް ބުނެ މަސްވެރިންގެ ދުވަހާ ދިމާކޮށް ހުރިހާ މަސްވެރިން ނުކުމެ މަސްވެރިންގެ ޝަކުވާތަކާއި އަޑުތައް އުފުލުމަށް ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ނާޒިމް ވިދާޅުވީ، އަންނަ ހުކުރު ދުވަހަކީ މަސްވެރިންގެ ދުވަސް ގޮތުގައި ފާހަގަ ކުރާ ދަވަސް ކަމުން އެ ދުވަހު ހާއްސަ ހަރަކާތެއް އެ ޔޫނިއަންގެ ފަރާތުން ހިންގުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތައް އެއްތަނަކަށް އެއްވެ މަސްވެރިންގެ ޝަކުވާތައް ހިއްސާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހުކުރު ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓް ކުރިއަށް ދާނީ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް އިވެންޓް ބާއްވާނެ ތަނެއް އަދި ހަމައެއް ނުޖައްސައެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަމަށް މި ސަރުކާރުން އަޅާ ނުލާކަން ފާހަގަ ކުރައްވަމުން އެމީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޮޑު ކަންނެލި ގަތުމުގައި އެންމެ ކުޑަ އަގު ކަނޑަނާޅާ އޮތުން ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންނެލި ގަންނަ އަގު މައްޗަށް ދިޔަ ކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ، އޭރު ކިލޯއެއް 180 ރުފިޔާގެ މަގުން ގަނެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އަގުތައް ހުރީ 110 ރުފިޔާ އާއި 90 ރުފިޔާއާ ދެމެދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ގިނައިން ބާނާ ދުވަސް ވަރު 40 ރުފިޔާއަށް އަގުތައް ވެއްޓޭ އިރު އެ ވަރުން ހަރަދުތައް ވެސް ނުހިފެއްޓޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ޔޫނިއަންގެ ފަރާތުން ކަންނެލި ގަންނަ އެންމެ ކުޑަ އަގު ކަނޑައެޅުމަށް ސަރުކާރުގައި އެދިފައި ވާނެ ކަމަށާއި އެ ޔޫނިއަންގެ ހުށަހެޅުމަކީ އޭ ގްރޭޑްގެ މަސް 100 ރުފިޔާއަށް އަދި އެއަށް ވުރެ ދަށް ވެއްޖެ ނަމަ 80 ރުފިޔާއަކީ އެންމެ ދަށް އަގު ކަމުގައި ކަނޑައަޅައި ދިނުމަށް ކަމަށް ނާޒިމް ވިދާލުވިއެވެ. ނަމަވެސް އަދިވެސް އެކަމަށް އެއްވެސް ޖަވާބެއް ސަރުކާރުން ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން މަސްވެރިކަމަށް ގިނަ ކަންތައްތަކެއް ކޮށްދިން ކަމުގައި ވީ ނަމަވެސް ބޮޑު ކަންނެލީގެ މަސްވެރިންނަށް އަޅާ ނުލާ ކަން ފާހަގަ ކުރަމުން ނާޒިމް ވިދާޅުވީ، ކަނޑު މަސް ސަރުކާރުން ގަތް ނަމަވެސް ބޮޑު ކަންނެލި ނުގަތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަގު ކޮންޓްރޯލް ކުރުމުގައި ވެސް ސަރުކާރަށް ގޮތެއް ނުނިންމިގެން އުޅެނީ ބޮޑު ކަންނެލި ގަނެ ހަދަނީ އަމިއްލަ ކުންފުނިތަކުން ކަމަށް ވާތީ ކަމަށް ނާޒިމް ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރުގެ ބަޖެޓްގައި ވެސް މަސް ފެކްޓްރީތައް ބިނާ ކުރުމަށް ބޮޑު ހޭދައެއް ކުރާ އިރު ބޮޑު ކަންނެލީގެ މަސްވެރިންނަށް ކޮށްދޭ ކަމެއް ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންނެލި މަސްވެރިންގެ ހައްގުގައި އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކޮށް ބޮޑު ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އަދި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި އެ ޔޫނިއަނުން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަޑު އުފުލަމުންނެވެ.
މިދިޔަ އަހަރު ވެސް މަސްވެރިންގެ ދުވަހު އެ ޔޫނިއަނުން ވަނީ ދޯނިފަހަރުގައި އެއް ސަރަހައްދަކަށް އެއްވެ މަސްވެރިންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ރާއްޖޭގައި ޓޫރިޒަމް ޕްރޮމޯޓް ކުރާ އުސޫލުން މަސްވެރިކަން ވެސް ޕްރޮމޯތް ކޮށް ކުރިއަރުވަން ޖެހޭ ކަމަށް އެ ޔޫނިއަނުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.